29 Aug 2013, 11:32
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވިތާ ދެތިން ދުވަސްފަހުން އޮފީހަށް އަޅުގަނޑު ގެންދެވި އެވެ. އެ ދުވަހު މިނިސްޓަރު ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. މޭޒުމަތީގައި އޮތް ޝީޓެއް ދެއްކެވުމަށް ފަހު ބުކިންސްތައް ކެންސަލްވަމުން އަންނަ މިންވަރު އަޅުގަނޑަށް ދެއްކެވި އެވެ.
"އަޅުގަނޑު މިއަދު މި ގޮނޑިއާ ހަވާލުވީ ރާއްޖެ އަލުން ނަގާ ކޮޅަށް ޖަހަން. އެ މަސައްކަތް އަޅުގަނޑު މިހާރު މިފަށަނީ. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުކުރެވޭނެ. ބޭނުން ވަނީ ހިތްވަރު،" އެ ދުވަހު މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު ވެރިކަން ބަދަލުވުމާ އެކު އެ އިންޑަސްޓްރީ ދިޔައީ ފެތެމުންނެވެ. ވެރިކަން ބަދަލުވި ގޮތާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ޓޫރިޒަމް ބޮއިކޮޓްކުރަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިޔައީ އަޑު އުފުލަމުންނެވެ. އެއާ އެކު ރާއްޖެ އަންނަން ހަދާފައިވާ އެތައް ހާސް ބުކިންސްއެއް ކެންސަލްވި އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރުކަމާ އަލަށް ހަވާލުވި އަހުމަދު އަދީބު ވަނީ ރެއާ ދުވާލު ވަރުބަލިކަމެއް ނެތި އިންޑަސްޓްރީ ކޮޅަށް ޖެހުމަށް އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.
"އަޅުގަނޑު މިނިސްޓަރު ކަމާ ހަވާލުވެގެން އައިސް ބެލިއިރު ދުވާލަކު އެތައް ހާސް ބުކިންސް އެއް ދިޔައީ ކެންސަލްވަމުން. ރާއްޖެ އަންނަ އެތައް ޗާޓަރު އެއާލައިނެއް ހުއްޓާލައިފި. މުޅި ދުނިޔޭގައި ދިޔައީ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވާލަމުން. އަދި އެތައް އަހަރެއް ވަންދެން ބޭނުންކުރި ޓޫރިޒަމް ޝިއާރު ވަނީ ހުއްޓާލާފައި. އެ ވަގުތު ކެމްޕޭނެއް ހިންގަން ބަޖެޓެއް ނެތް،" އަންގާރަ ދުވަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނުގެ ބާލިންގައި އޮތް އައިޓީބީ ބާލިން ފެއާ އަށެވެ. އެ ފެއާއަށް ވަޑައިގެން ވެރިކަން ބަދަލުވި ފަހުން ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަން ހާމަކޮށްދެއްވި އެވެ. އަދި އޭގެ ސަބަބުން ކޮންމެ ވެސް ވަރަށް ޓްރެވަލް އެޖެންޓުންނާއި އޮޕަރޭޓަރުންނަށް ހިތްހަމަޖެހުމެއް ލިބުނެވެ.
"އެތަނަށް އަޅުގަނޑު ގޮސް ނޫސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ހާލަތު އޮތް ގޮތް ބުނެދިނިން. އެއާއެކު ޔޫރަޕްގެ މީޑިއާތަކުން ފެތުރި ހަބަރުތަކުގެ ސަބަބުން ޓޫރިސްޓުންނަށް ހިތްހަމަޖެހުމެއް ލިބުނު. އަދި އަޅުގަނޑު އިނގިރޭސިވިލާތަށް ގޮސް އެތަނުގެ ޓުއާ އޮޕަރޭޓަރުންނާ ނޫސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ހާލަތު އޮޅުން ފިލުވައިދިނިން. އޭގެ ނަތީޖާ ވަރަށް ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީ އަށް ދިމާވި ގޮންޖެހުންތައް ނައްތާލަން އިންޑަސްޓްރީއާ ގުޅިގެން ތަފާތު އެކި ކެމްޕޭންތައް ބޭރުގެ އެކި ގައުމުތަކުގައި ހިންގާފައިވެ އެވެ. އެގޮތުން ބައެއް ވިޔަފާރިވެރިންގެ އެހީގައި ބީބީސީގައި ރާއްޖެ އިސްތިހާރުކޮށްފައިވެ އެވެ. އަދި ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކަށް ވަޑައިގެން މިނިސްޓަރު އަދީބު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
"އައިޓީބީ ފެއާ ނިންމާފައި މާލެ އައިސް މަޑުނުކޮށް ޗައިނާއަށް ގޮސް ނުވަ ދުވަސް ތެރޭގައި ހަތް ސިޓީއަކަށް ދަތުރުކޮށް ޓްރެވަލް އެޖެންޓުންނާއި ނޫސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދިނިން. އެއާ އެކު ޗައިނާގެ ޗާޓަރު އެއާލައިންތައް އަލުން ރާއްޖެއަށް ދަތުރުތައް ފެށި. އެ ދަތުރުތައް ނިންމާފައި އައިސް ބެލިއިރު ކެންސަލްވާ ބުކިންސްގެ އަދަދު ވަރަށް ދަށްވެފައި ހުރީ،" މިދިޔަ އަހަރު ކުރެއްވި މަސައްކަތްތަކާ ބެހޭ ގޮތުން އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއްކޮޅުން ބަޔަކު ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލަމުންދިޔައިރު އެއާ ވިއްދައިގެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ކާމިޔާބުވި ކަމަށެވެ.
"އަޅުގަނޑުމެން ޕީއާރު މަސައްކަތްތައް ވަރަށް ބާރަށް އެމްއެމްޕީއާރުސީން ޑެޕިއުޓީ މިނިސްޓަރު މަލީހު ކުރައްވަމުން ގެންދެވި. އަދި އިންޑަސްޓްރީގައި އިސްކޮށް އުޅުއްވާ އެމްޔޫ މަނިކާއި ޗަންޕާ ހުސެއިން އަފީފްމެން ފަދަ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ވަރަށް ބޮޑަށް ލިބިގެންދިޔަ. ހުރިހާ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ އެއްރޫހެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ޖެނުއަރީ މަސް ފެށުނުއިރު އޮތީ ހުރިހާ ކަމެއް ހަމަޔަކަށް އެޅިފައި."
މިނިސްޓަރު ވިދާޅުވީ އެހުރިހާ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔައިރު ވެސް އަމާޒުކުރީ އަހަރު ނިމުމުގެ ކުރިން އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް ކަމަށެވެ. އަދި އެ އަދަދު ހަމަނުވި ނަމަވެސް ނަތީޖާ ހީކުރި ވަރަށް ވުރެ ރަނގަޅު ކަމަށް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އޮފީހުގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ދޫކޮށްލާފައި ކަމާ ބެހޭ ބޭފުޅުންނަށް. އަޅުގަނޑުގެ ސިޔާސަތުތަކަށް ހުރިހާ ބޭފުޅުން ވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު،" މިނިސްޓަރު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ފަހުން ދިމާވި ގޮންޖެހުންތަކުން އަރައިނުގަނެވެނީސް އެއާޕޯޓް ހިންގަން އޭރު ތިބި އިންޑިއާގެ ޖީއެމްއާރު ކުންފުނި ފޮނުވާލަން ޖެހުމުން އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުން އަނެއްކާ ވެސް ހިތްނުތަނަވަސްވި އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަން ކަށަވަރުކޮށްދީފަ އެވެ.
"ޖީއެމްއާރުގެ އެއްބަސްވުން އުވާލަން ނިންމުމުގެ ކުރިން އަޅުގަނޑު ވާނީ އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް އެކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަންދީފައި. އަދި އެ ބޭފުޅުން ކަންބޮޑުވި ކަންތައްތަކަށް ސަރުކާރުން ދިޔައީ ވަރަށް ބޮޑު ސަމާލުކަމެއް ދެމުން. އިރާދަކުރެއްވިއްޔާ އެކަން ވެސް ނިމިގެންދިޔައީ ވަރަށް އޮމާންކޮށް،" އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ދަނީ ފެންނަމުންނެވެ. މިއިން ދުވަހަކު ރާއްޖެ އަށް ޓޫރިސްޓުން ނާންނަ މިންވަރަށް މިންވަރަށް މިހާރު ވަނީ ޓޫރިސްޓުން އަންނަން ފަށައިފަ އެވެ. މިއަހަރުގެ މިހާތަނަށް ބަލާއިރު 627،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 ޕަސެންޓް އިތުރު އަދަދެކެވެ.
"އަޅުގަނޑުމެން މިހާރު މި އަމާޒުކުރަނީ އެއް މިލިއަން ޓޫރިސްޓުން މިއަހަރު ގެންނާކަށް ނޫން. އެއަށް ވުރެ އިތުރުކުރަން. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އެއަދަދަށް ވުރެ އިތުރުކުރެވޭނެ ކަމުގެ. މިހާރު ވެސް އެކަން މިދަނީ ފެންނަމުން،" ޒުވާން މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ދިމާވި ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ، ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ޝަރަފްވެރިއެއް އެވޯޑު ހަފުލާ ރާއްޖޭގައި މިދިޔަ މެއި މަހު ބާއްވައި އިންޑަސްޓްރީ ހިނިތުންކުރުވައިފަ އެވެ. އަދި ފުރަތަމަ ފަހަރަށް ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާއިން ވަނީ ދުނިޔޭގެ ޓޫރިޒަމް ދުވަސް މިއަހަރު ރާއްޖޭގައި ފާހަގަކުރަން ނިންމައިފަ އެވެ. އެ ހަފުލާ ދުނިޔޭގެ މަޝްހޫރު ބޮޑެތި ޗެނަލްތަކުން ވަގުތުން ދުރައް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
"މިއަދު އަޅުގަނޑު ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް. މިއަދު މިފެންނަނީ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" އަދީބު ވިދާޅުވި އެވެ.