29 Aug 2013, 11:24
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ސަބްރާ ނޫރައްދީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ސަބްރާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ އަމުރު ބާތިލް ކުރުމަށް ސަބުރާ އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ސަބްރާ ހައްޔަރު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ފުލުހުން ސަބްރާ ހައްޔަރު ކުރުމުގައި އޭނާގެ އަބުރާއި އިއްޒަތަށް އަރައިގެންފައިވާ ކަމަށް ސަބްރާ ދެކެވަޑައިގަންނަވާ ނަމަ ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި އެގޮތަށް ބުނެފައި ވަނީ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު މައާފަށް އެދުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ސަބްރާ އެ ކޯޓުގައި އެދިވަޑައިގެންފައި ވާތީ އެވެ.
ފުލުހުން ސަބްރާ ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހު މަޖީދީމަގާއި ނީލޯފަރުހިނގުމާ ގުޅުނު ހިސާބުގައި ހުރެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކޮށްފައި ވަނީ ކޮލަމްބޯ މަގުން މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 10:30 ގައި ރާއްޖެ ވަޑައިގަތް ތަނުން އެއާޕޯޓުންނެވެ.
ސަބްރާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓެއް ހަވާލުކުރުމަށް ފަހު އޭނާ ދޫކޮށްލާފަ އެވެ.