29 Aug 2013, 10:56
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮތީ "އެމްޑީޕީގެ ދަބަހުގައި" ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެހެން ވިޔަސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން "ބަޣާވާތުގެ" ވެރިކަން ބަދަލުކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕެއިންގެ ދަށުން މައްޗަންގޮޅީގައި ހުންނަ އެޕާޓީގެ "މައްޗަންގޮޅީ ރާނީ ޖަގަހަ" ހުޅުއްވައިދެއްވުމަށް ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުގެ "ބަޣާވާތުގެ" ވެރިކަން، އެވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ވައްޓާލުމަކީ ވާޖިބެއް ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ، އަދި އަޅުގަނޑު ޔަގީންކުރަނީ. އިރާދަކުރެއްވިއްޔާ. ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރީގައި މިބަޣާވާތުގެ ވެރިކަން އަޅުގަނޑުމެން ބަދަލުކުރަން ޖެހޭނެ. ނޮވެމްބަރު 10 ވަނަ ދުވަހު އެކަން ވީ ނަމަވެސް އަޅުގަނޑުމެން ހިތްހަމަޖެހޭނެ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންގެ ވާޖިބެއް އެއީ، މިބަޣާވާތުގެ ވެރިކަމުގައި ބާޣީ މުހައްމަދު ވަހީދު މިދައުރު ހަމަކުރިޔަ ނުދިނުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އޭގެ އިތުރަށް ދިވެހިންނަށް އޮތް ގައުމީ ވާޖިބަކީ ރާއްޖޭގެ ވެރިކަން ހަލާލު ކަންމަތީގައި ދެމެހެއްޓުން ކަމަށެވެ.
"ރިޔާސީ އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްބުރުން ކާމިޔާބުކުރާނަން. އެކަމުގައި އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. އޭގެ އިތުރަށް އަޅުގަނޑުމެންނަށް އޮތް ވާޖިބެއް، ގައުމީ ވާޖިބެއް! އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން ހަލާލު ކަންމަތީގައި ބޭއްވުން. އެވާޖިބު އަދާކުރުމަށް އަޅުގަނޑަށް ޔަގީން މައްޗަންގޮޅީ ކޮންމެ ދަރިއެއްވެސް އަތުކުރީ އޮޅާލައިގެން ނުކުންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ރޭ އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވާ އެމްޑީޕީއާ ވާދަކުރާ ކެންޑިޑޭޓެއް ނެތް ކަމަށެވެ. މިގޮތުން ޔާމީނަކީ ރާއްޖޭގައި ހުރި ސިޔާސީ ކަންކަން އެންމެ ރަނގަޅަށް ދިރާސާކުރައްވާ ބޭފުޅާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ޔާމީނަށް ތައުރީފުކޮށްފަ އެވެ.
އިންތިހާބުގައި ވާދަކުރާ އަނެއް ދެކެންޑިޑޭޓުން ކަމަށްވާ ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ގައުމައިގެން ކުރިއަށް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ، އެދެބޭފުޅުންގެ ވާހަކަމދައްކައިގެން ނޭވާ ނަގާލުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"ދެން އަނެއް ދެކެންޑިޑޭޓުންނަކީ ހަމަ ރަނގަޅަށްވެސް އަޅުގަނޑުގެ ނޭވާ ނަގާލާކަށް އެބޭފުޅުންގެ ވާހަކަދެއްކުން ބޭނުމެއް ހުރި ބޭފުޅުންނެއް ނޫން. އެއީކީއެއް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިންނެއް ނޫން." ނަޝީދު ވިދާޅުވި އެވެ.