29 Aug 2013, 10:48
ނޭޕާލްގައި އަންނަ ހޮނިހިރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް ރޭ ކަތަމަންޑޫ އަށް ފުރައިފި އެވެ.
ގައުމީ ޓީމަށް އަލްވަދާއުކިއުމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި އެފްއޭއެމްގެ އިސްވެރިން ރޭ ރަސްމީ ފާލަމަށް ވަޑައިގަތެވެ. އަދި ކުޅުންތެރިންގެ އާއިލާތަކުން ވެސް ރަސްމީ ފާލަމުން ޓީމަށް އަލްވަދާއު ކިޔި އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އާއި ރާއްޖޭގެ އިތުރުން ގްރޫޕް ބީގައި ދެން ހިމެނެނީ ބޫޓާނާއި އަފްގާނިސްތާނެވެ. އަދި މުބާރާތް ބާއްވާ ނޭޕާލް، އަދި ޕާކިސްތާނާއި ބަންގުލާދޭޝް ލައްވައިލީ ގްރޫޕް އޭގަ އެވެ. އެހެން ކަމުން މިފަހަރުގެ "ގްރޫޕް އޮފް ޑެތު" ނުވަނަތަ މަރުގެ ގްރޫޕަކީ ގްރޫޕް އޭ އެވެ.
ކަތުމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ނޭޕާލް ގަޑިން 6:30ގައި ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު މެންދުރު ފަހު 3:30ގައި ރާއްޖެ ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ސެޕްޓެމްބަރު ހަ ވަނަ ދުވަހު މެންދުރު ފަހު 3:30ގައި ރާއްޖެ ނުކުންނާނީ، ގްރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ އެންމެ ފަހުގެ ރަނަރަޕް އަފްޣާނިސްތާނާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރާތް ހުޅުވާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ނުކުންނާނީ، ވާދަވެރި ޕާކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް އޭގެ ދެވަނަ މެޗުގައި އެ ދުވަހު ހަވީރު، މުބާރާތް ބާއްވާ ނޭޕާލްގެ ޓީމް ނުކުންނާނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާގެ އެންމެ ފަހުގެ ކުރިމަތިލުމަށް ބަލާއިރު 2009 ވަނަ އަހަރުގެ ސެމީފައިނަލްގައި ރާއްޖެ އަތުން ލަންކާ ބަލިވީ 5-1 ލަނޑުންނެވެ. އަދި އޭގެ ކުރިއަށް، ޖެހިލާއިރު 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިގެ ސެމީފައިނަލްގައި ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ލަންކާ ވަނީ ރާއްޖެއަތުން 1-0ން ބަލިވެފަ އެވެ.
ސާކް ސަރަހައްދުގެ އަށް ގައުމު ބައިވެރިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50000 ޑޮލަރުގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ އިރު މުބާރާތުގެ ރަނަރަޕް ޓީމަށް 25000 ޑޮލަރު ލިބޭނެ އެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ތިންވަނަ އާއި ހަތަރު ވަނައަށްދާ ދެޓީމަށް 10000 ޑޮލަރު ލިބޭނެ އެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓީވީ ބްރޯޑްކާސްޓާއަކީ އީއެސްޕީއެން ސްޓާ ސްޕޯޓް އެވެ.