29 Aug 2013, 10:44
މާލޭގެ ފިހާރަތަކުން ފިޔާކިލޯއެއް ވިއްކާއަގު 25ރ. އާއި 30ރ. އާއި ދޭތެރޭ އަގުތަކަކަށް އުފުލިއްޖެ އެވެ.
މާލެ އަށް ބަލާއިރު ރަށުތެރޭ ފިހާރަތަކުގައި ފިޔާ ވިއްކާއަގު 10ރ. އިން 30ރ. އަށް އުފުލިފައިވާ އިރު ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 530ރ. އާއި 600ރ. އާއި ދޭތެރޭ އަގުތަކެއްގަ އެވެ.
ބާޒާރު މަތީ ބައެއް ފިހާރަތަކުގެ ސޭޓުން ބުނީ ފިޔާގެ އަގު ބޮޑުވަން ދިމާވީ މިހާރު ފިޔާގެ ސުޓޮކް މަދުވެފައިވާތީ ކަމަށެވެ. އަދި ވަރަށް އަވަހަށް ސްޓޮކް ލިބޭނެ ކަމަށާއި ލަސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެވިޔަފާރިވެރިން ބުންޏެވެ.
ފިޔާގެ އަގު އަނެއްކާ ވެސް ބޮޑުވެފައިވާ އިރު ރޯދަމަހާ ދިމާކޮށް ވެސް ވަނީ ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން އެފަހަރު ފިޔާ ކިލޯއެއްގެ އަގު 70ރ. އަށް އުފުލިގެން ދިޔަ އެވެ.