29 Aug 2013, 10:34
ޓީޗަރުންނަށް ހާއްސަކޮށްގެން މިހާރު އަޅަމުން އަންނަ ފްލެޓްތަކަކީ ދާއިމީކޮށް ލިބޭ ފްލެޓްތަކެއް ނޫން ކަމަށާއި އެ ފްލެޓްތައް ޓީޗަރުންނަށް ދާއިމީކުރެވޭނެ އުސޫލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް "ގައުމައިގެން ކުރިއަށް ކޯލިޝަން"ގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ޓީޗަރުންނާ ބައްދަލުކުރުމަށް ރޭ ޕޮލިޓެކްނިކްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޓީޗަރުންގެ ފްލެޓްގެ މައްސަލާގައި އެމަނިކުފާނާ ހަމައަށް ބައެއް ކަންބޮޑުވުންތައް އައިސްފައިވާ ކަމަށެވެ.
މިގޮތުން ފްލެޓްތައް އެޑިއެކޭޝަން ދާއިރާގައި މަސައްކަތްކުރާ އިދާރީ މުއައްޒަފުންނަށް ދިނުމުގެ ބަދަލުގައި ހަމާއެކު ޓީޗަރުންނަށް ފްލެޓްތައް ދިނުމަށް އެދިފައިވާ ކަމަށާއި އެކަންތައް އެގޮތަށް ކުރަން ނިންމަވާފައިވާނެ ކަމަށެވެ.
"އަލަށް ހަދައިގެން މިދޫކުރާ ހައުސިންގް ޔުނިޓްތައް [ޓީޗަރުންނަށް ހާއްސަކޮށްފައިވާ ފުލެޓްތައް]. އެތަންތަން ޓީޗަރުންނަށް ހާއްސަކޮށްފައި ބެހެއްޓުން. އެހެންވީމާ އެކަމުގައި އަޅުގަނޑުމެން ވިސްނީ އެގޮތަށް ހަދަން. ވީހާ ވެސް ގިނަ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް. އެޑްމިނިސްޓްރޭޓަރުންނަށް ވުރެ ޓީޗަރުން އިސްކުރަން އަޅުގަނޑުމެން ނިންމީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެގޮތަށް އެކަން ނިންމުމުން ވެސް މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި ޓީޗަރުންނަށް ހާއްސަކޮށްފައިވާ ފްލްޓްތައް ޓީޗަރުންނަށް ނުވާ ދުވަހަކުން ފެށިގެން ނެގޭނެ މައްސަލައަކީ ވެސް ބޮޑު މައްސަލައެއް ކަމަށެވެ.
"ގިނަ ދުވަހު ހިދުމަތްކޮށްފައި ތިބޭ ޓީޗަރުންނަށް މައްސަލައެއް، އެއީ އެބޭފުޅުން ވެސް ރިޓަޔާކުރައްވަން ޖެހޭ އުމުރުގައި ގެދޮރު ނެތުން. އެހެންވެ އެކަމާ ދޭތެރެ އަޅުގަނޑުމެން ވިސްނަމުން މިދަނީ. ކޮންމެވެސް މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ޓީޗަރުންނަށް ދާއިމީކުރެވޭ ގޮތެއް ހޯދުމަށް އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އިރާދަކުރެއްވިއްޔާ އެކަމަށް ވެސް ހައްލެއް ހޯދިގެން ދާނެ ކަމަށެވެ.
ޕޮލިޓެކްނިކްގައި ރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޓީޗަރުންނަށް ބައްދަލުކޮށްލައްވަން އެދިލެއްވުމުން މިއަށް ވުރެ ގިނަ އަދަދެއްގެ ޓީޗަރުން ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރެއްވި ކަމަށާއި ޖަލްސާ އަށް ވަޑައިގެން ޓީޗަރުންގެ އަދަދު މަދުވުމުން "ޑިސެޕޮއިންޓް" ވެފައި ހުންނެވި ކަމަށެވެ.
"އަޅުގަނޑު މިރޭ ހަގީގަތުގައި ވެސް ހީކުރީ އަޅުގަނޑު ބައްދަލުކޮށްލަން އެދުނީމާ، މިއަށް ވުރެ ގިނަ އަދަދެއްގެ ޓީޗަރުން ވަޑައިގަންނަވާނެ ކަމަށް. ކޮންމެވެސް ވަރެއްގެ ޑިސެޕޮއިންޓްމަންޓެއް [މާޔޫސްކަމެއް] އަޅުގަނޑަށް ލިބިއްޖެ" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ރޭ ޓީޗަރުންނާ ބައްދަލު ކުރެއްވީ މީޑިއާ އަށް ދައުވަތު ނުދީ ކްލޯސްޑޯ މީޓިންގްއެއްގެ ގޮތުގަ އެވެ.