ޔޫރަޕިއަން ޗެންޕިއަންސް ލީގުގެ ޕްލޭއޮފް ދެވަނަ ލެގުގައި ނެދަލެންޑްސްގެ ޕީއެސްވީ އެވިންދޮވް 3-0 އިން (4-1 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން) ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

ނެދަލެންޑްސްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 1-1 އިން އެއްވަރުވެ ހާސްކަން ވެރިވެފައިވާ މިލާނަށް ރޭގެ މެޗުގައި ކުރި ހޯދައިދިނީ މެޗުގެ ނުވަ ވަނަ މިނިޓުގައި ޕްރިންސް ބޯޓޭން އެވެ. ޕެންލްޓީ އޭރިޔާގެ ބޭރުން ގޯލްގެ ވާތްފަރާތު ކަނަށް ބޯޅަ ވައްދާލައިގެން ބޯޓެން ލަނޑު ކާމިޔާބު ކުރިތާ މާ ގިނައިރެއް ނުވަނީސް ސްޓެފަން އައްޝާރަވީ ވަނީ ނުރަށްކާތެރި ހަމައެއް އުފައްދާފަ އެވެ.

މިލާންގެ ދެވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށް ދިނީ، މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވަޑް މާރިއޯ ބަލެޓޮލީ އެވެ. މިއީ ސިޓީ އިން މިލާނަށް ބަދަލުވި ފަހުން ބަލެޓޮލީ އެޓީމަށް ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ.

"އަހަރެމެން ވަަރަށް އުފާ ވެއްޖެ. ވަރަށް ރަނގަޅު މެޗެއް މި ކުޅެވުނީ. ފުރަތަމަ ލެގުގައި ވެސް އަހަރެމެން ރަނގަޅަށް ކުޅުނިން،" މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސިޓީއަށް ކުޅެފައިވާތީ އެސީޒަންގެ މިލާން އަށް ކުޅުމުގެ ފުރުސަތު ނުލިބުނު ބަލެޓޯލީ ބުންޏެވެ. "މިއީ ޗެމްޕިއަންސް ލީގު. އެހެންވީމާ އަހަރެމެން ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭ."

މިލާންގެ ތިން ވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީވެސް ބޯޓެއް އެވެ. ޕެނަލްޓީ އޭރިޔާގެ ވާތްފަރާތުން ބޯޅަ ހޯދައިގެން ވަދެ، ގޯލްއޭރިޔާ ކައިރިން ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލްގެ ކަނާތްފަރާތަށެވެ.

ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަން އޭސީ މިލާން ގްރޫޕް ސްޓޭޖުން ޖާގަ ހޯދި އިރު ސޮކޮޓިޝް ޗެމްޕިއަންސް ސެލްޓިކް ވަނީ، ޝަކްތާ ޑޮނެޓްްސްކް 3-2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް ގްރޫޕް ސްޓޭޖަށް ގޮސްފަ އެވެ.

އަދި ފްރާންސްގެ ލިއޯން 4-0ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް ސްޕެއިންގެ ރެއާލް ސޮސެއިޑާޑް ވަނީ ދިހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދާފަ އެވެ.

ރަޝާގެ ޒެނިތު ޕީޓާސްބާގް ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ޕޯޗްގަލްގެ ޕަކޮސް ފެރެއިރާ 8-4 ގެ އެގްރިގޭޓް ނަތީޖާ އަކުން ނެވެ.