19 Nov 2010, 17:54
ވެރިރަށް މާލޭގެ ހަތަރު އަވަށް ގުޅޭ ސަލްޓަންޕާކްގެ ހިތްގައިމު މާހައުލުގެ ތެރެއިން ކަންފަތުގައި ޖެހުނީ ހިތްގައިމު އަޑެކެވެ. ދެ ޒުވާނަކު ކުޅެމުން ދިޔަ ގިޓާގެ މަޑު މިޔުޒިކީ އަޑުން ގެނެސްދިނީ އެތަކެއް ވާހަކަ އެވެ. އެތަކެއް މެސެޖެވެ. އެހެނަސް އެ ހިތްގައިމު މާހައުލުގައި އެކި ދިމާއަށް އަތުރާލެވިފައިވާ ބޯޑުތަކުން ސިވަމުން ދިޔައީ މުޅީން ތަފާތު މަންޒަރެކެވެ. އެންމެނަށް އެނގޭ ބޮޑު ސިއްރެއްގެ ވާހަކަތަކެވެ. ކުޑަކުދިންނަށް ގޯނާ ކުރުން ހުއްޓާލުމަށް ގޮވާލެވިފައިވާ މެސެޖްތައް ފާޅުކޮށްދޭ ރީތި ކުރެހުން ތަކެކެވެ. ކުޑަކުދިންގެ ހިތާއި ޖިސްމުގެ ބަހުރުވަ އެވެ.
‹މިކަހަލަ ކަންތައް ކުރާކަށް ނުވާނެ! މިއީ ގޯސްކަމެއް މިކަމުން ވަރަށް ގެންލުން ލިބޭ›
އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް ގުޅިގެން މިދިޔަ އޮކްޓޯމްބަރު މަހުގެ 10 އަކުން މިމަހުގެ 10އަށް މާލޭގައި ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގައި ބައިވެރި ކޮށްފައިވާ 70 ޕޯސްޓަރު ސަލްޓަން ޕާކުގެ ހިތްގައިމު މާހައުލުގެ ތެރޭގައި ހުރިއިރު މަންޒަރު ބަލައިލަން ޒިޔާރަތް ކުރި ގިނަ އަދަދެއްގެ ކުޑަކުދިން ޕޯސްޓަރުތަކާއި ދިމާއަށް ބަލަހައްޓައިގެން ތިބީ ވަރަށް ވެސް ޝައުގުވެރިކަމާއެކު އެވެ.
"މިކަހަލަ ކަންތައް ކުރާކަށް ނުވާނެ! މިއީ ގޯސްކަމެއް މިކަމުން ވަރަށް ގެންލުން ލިބޭ!" ޕޯސްޓަރަކާ ދިމާއަށް ބަލަހައްޓައިގެން ހުރި ކުޑަކުޖަކު ޝުއޫރު ފާޅު ކުރި އެވެ.
އާކްގެ ފަރާތުން ދެކެނީ މިފަދަ މައުރަޒެއްގެ ސަބަބުން މުޖުތަމައުގައި ކުޑަކުދިންނާއި މެދު ކުރެވޭ ތަފާތު އަނިޔާތަކާއި ހާނީއްކަތަކުގެ ނުރައްކާތެރިކަމުގެ މައްޗަށް މީހުންގެ ލޯ ހުޅުވައިދެވިދާނެ ކަމަށެވެ. "އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ރާއްޖެއަށް އާންމު ވެފައިވާ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން އުންމީދުކުރަނީ މި މައުރަޒުގެ ސަބަބުން ގިނަ ބަޔަކަށް މި މެސެޖު ފޯރުކޮށްދެވޭނެ ކަމަށް. އަދި މުޖުތަމައު މިހާރަށްވުރެ ބޮޑަށް މިކަމައް ހޭލުންތެރި ވާނެކަމަށް." އާކްގެ ކޯ ފައުންޑާ އަދި އެގްޒެކެޓިބް ޑައިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މެސެޖަކީ އެކިވައްތަރުގެ ޗައިލްޑް އެބިއުސް އެބަހުރެއޭ. މިސާލަކަށް ވާބަލް، ފިޒިކަލް އަދި މެންޓަލް އެބިއުސް ވެސް އެބަހުރޭ. މި ހުރިހާ ވައްތަރަކަށް މުޖުތަމައު އެބަ ހޭލުން ތެރި ވާންޖެހެއޭ،"
ކުޑަކުދިންނަށް ގޯނާ ކުރުން ރާއްޖޭގައި ދަނީ ގޯހުން ގޯހަށެވެ. އަހަރު ތެރޭގެ މުޅި ކްރިމިނަލް ސްޓެޓިސްޓިކްސްއަށް ބެލިއަސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގޯނާތައް އުޅެނީ އުހުގަ އެވެ.
މިއީ އެންމެ ދަންނަ ހަގީގަތަކަށް ވިޔަސް މިހާތަނަށް ވެސް ތިބެވިފައި ވަނީ އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގަ އެވެ. ދިވެހި އާޓިސްޓުންގެ ޖަމްއިއްޔާއިން ނުކުތީ އެމީހުންގެ މައްޗަށް އޮތް ފަރުދީ ޒިންމާ އަދާކުރުމަށެވެ.
"މިހާރަށް ވުރެ ބޮޑަށް މިކަމަށް ހޭލުންތެރި ވާން ޖެހޭ. އިންސާނިއްޔަތަށް އޮންނަ ރެސްޕެކްޓް (އިހުތިރާމް) ބޮޑު ކުރަން އެބަޖެހޭ. އިންސާނުން އިންސާނުންގެ ގޮތުގައި ދެނެގަތުން ވަރަށް މުހިންމު. އިހްތިރާމް ކުރުން ވަރަށް މުހިންމު. ގައުމުގެ އިޖްތިމާއީ ފޭރާން މި އޮތީ ގެއްލިގެން ގޮސްފަ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އާޓްސްގެ ބޭނުން ކޮށްގެން މިފަދަ ކަންކަމަށް މުޖުތަމައު ހޭލުން ތެރިކުރުވަން،" އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝުއައިބު ވިދާޅުވި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މި "މުސީބާތުން" ސަލާމާތް ވުމަށް އޮތް މައިގަނޑު ހައްލަކީ ހަމައެކަނި ގާނޫނޫން ބާރު ލިބިގަތުމެއް ނޫންވެ. ހަގީގީ މައިގަނޑު ހައްލަކީ ލޯ ހުޅުވައިލުމެވެ. މުޖަތަމައު ހޭލުންތެރިވުމެވެ. ސަލްޓަންޕާކްގެ ތެރޭގައި ރޭވިގެން ދިޔަ އެ އެގްޒިބިޝަންގެ މައިގަނޑަކީ ވެސް އެއީ އެވެ.