ވިއެނާ (އޮގަސްޓް 29) : އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީގެ ޤާބިލްކަން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ބުނެ އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ރިޕޯޓެއް ނެރެފި އެވެ.

އީރާނުގެ ނިއުކްލިޔާ ޙަރަކާތްތަކާބެހޭ ގޮތުން އައިއޭއީއޭ އިން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ފާއިތުވި ދެ ތިންއަހަރު ތެރޭގައި ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަން ކުރިން ހީކުރެވިފައިވާ ވަރަށްވުރެ ބޮޑަށްއީރާނުން ތަރައްޤީކޮށްފައިވާ ކަމަށާ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާފައިވާ ނިއުކްލިޔާ ސެންޓްރިފިއުޖްގެ 18 ހާސް މެޝިން ނަތަންޒް ނިއުކްލިޔާ މަރުކަޒުގައި ހަރުކޮށް ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި އެމެޝިންތަކުގެ ބޭނުންއީރާން ކުރަމުން ގެންދާކަމުގަ އެވެ.

މީގެތެރެ އިން ގިނަ މެޝިންތަކަކީ ކުރީގެ ޓެކްނޮލޮޖީގެ މެޝިން ކަމަށް ވިނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކަމަށްވާ IR2mގެ 1008 މެޝިން ވެސް އަމިއްލަ ޓެކްނޮލޮޖީގައި އުފައްދައި ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި ނަތަންޒް ނިއުކްލިޔާ މަރުކަޒުގައި އެމެޝިންތަކުގެ ބޭނުން އީރާން މިހާރު ހިފަމުން ގެންދާކަމަށާ މިބާވަތުގެ އިތުރު އެތައް ހާސް މެޝިނެއް އުފައްދައި ޚިދްމަތަށް ނެރުމަށް އީރާން ވަރަށް ހަލުއިމިނެއްގައި މަސައްކަތް ކުރަމުން ގެންދާކަން މިރިޕޯޓް ގައި ފާހަގަކޮށްފައިވެ އެވެ. މިރިޕޯޓް ބުނާ ގޮތުން ނިއުކްލިޔާ ހަކަތައިން އިލެކްޓްރިކް ކަރަންޓް އުފެއްދުމަށް ބޭނުންވާ ނިއުކްލިޔާ ފިއުލްއާއި ޑޮކްޓަރީ ފަރުވާތަކަށާއި ދަނޑުވެރިކަން ތަރައްޤީކުރުން ފަދަ މަދަނީ ކަންކަމުގައި ބޭނުންކުރާ ނިއުކްލިޔާ އައިސޮޓޮޕްސްއީރާނުން މިހާރު ގެންދަނީ އަމިއްލަ އަށް އުފައްދަމުންނެވެ.

އައިއޭއީއޭގެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ އަޑިނޭންގުމާއި އެޕްރޮގްރާމްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ބައެއް (ޢަސްކަރީ ސިއްރު ބައެއް) އޮވެދާނެކަމަށް ބަޔާންކޮށްފައިވުން ހިމެނެ އެވެ. މިގޮތުން އީރާނުން ގެންގުޅޭ ކަމަށް ހުޅަނގުން ޝައްކުކުރާ ނިއުކްލިޔާ ހަތިޔާރުގެ ސިއްރު ޕްރޮގްރާމާ ބެހޭ އެއްވެސް މަޢްލޫމާތެއް ލިބިފައިނުވުމާ އެކަމުގެ ޙަޤީޤަތް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އީރާނުން ހުރަސްއަޅައި އެއްބާރުލުން ނުދޭ ކަމަށްބުނާ މައްސަލަ ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އަދި ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީގައި އީރާން މިހާރު ކުރިޔަށްގޮސްފައިވާ މިންވަރުން، ނިއުކްލިޔާ ބޮން އުފެއްދުމަށް ބޭނުންވާ މިންވަރަށް (90 އިންސައްތައަށް) ސިއްރިޔާތުގައި ޔޫރޭނިޔަމްގެ ފައްކާ ކުރުމަކީ އީރާނަށް ކުރެވިދާނެ ކަމެއްކަމަށް ބުނެ މިފަދަކަމެއް ކޮށްފާނެ ކަމާ މެދު ކުރެވޭ ޝައްކުތައް އިތުރުވަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ. މަދަނީ ބޭނުންތަކަށް އީރާނުން މިހާރު ޔޫރޭނިޔަމް ފައްކާކުރަނީ 20 އިންސައްތައަށެވެ. މިކަން ވެސް އީރާން ކުރަމުންގެންދަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއި އިސްރާއީލުގެ ބިރުދެއްކުންތަކުގެ ކުރިމަތީގައި އަދި އިޤްތިސާދީ އަދި މާލީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއްގެ ދަތިތަކާއި ވޭންތައް ތަޙައްމަލް ކުރަމުންނެވެ.

އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން ނިއުކްލިޔާ ސިއްރު ޕްރޮގްރާމް ހިންގަމުން ގެންދަނީ އެގައުމުގެ ބާރްޝީން ނިއުކްލިޔާ މަރުކަޒުގަ އެވެ. މިއީ ހިލަފަރުބަދަތަކެއްގެ ވަރަށް ފުނުގައި (އަދި ނިއުކްލިޔާ ބޮމުން ޙަމަލާދީގެން ވެސް ފަސޭހައިން ހަލާކުކޮށް ނުލެވޭ ވަރުގެ ބޯ ކޮންކްރީޓް ފަށަލައެއްގެ ތެރޭގައި) ބިނާކޮށްފައިވާ ނިއުކްލިޔާ ރިއެކްޓަރަކާއި ލެބޯޓްރީތަކެއް އެކުލެވޭ ޙައްސާސީ މަރުކަޒެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ވަނީ މިއީ ޢަސްކަރީ މަރުކަޒެއް ކަމަށްބުނެ އައިއޭއީއޭގެ ނިއުކްލިޔާ އިނިސްޕެކްޓަރުން އެތަނަށް ވަނުމުގެ ފުރްސަތު ނުދީފަ އެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާކުރާ މަރުކަޒުތަކަށާއި ނިއުކްލިޔާ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ނިއުކްލިޔާ ފިއުލްއާއި ޑޮކްޓަރީ ފަރުވާތަކަށާއި ދަނޑުވެރިކަން ތަރައްޤީކުރުންފަދަ ކަންކަމުގައި ބޭނުންކުރާ ނިއުކްލިޔާ އައިސޮޓޮޕްސް އުފައްދާ ލެބޯޓްރީ ތަކަށް އައިއޭއީއޭގެ އިނިސްޕެކްޓަރުން ވަނުމުގެ ފުރްސަތު އީރާނުން ދެމުން ގެންދާކަން އެއެޖެންސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު ތަރައްޤީކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއާއި އިސްރާއީލުން ގެންދަނީ ތަކުރާރުކޮށް ދެމުންނެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި އީރާނުގައި ދާޚިލީ ހަމަނުޖެހުން އުފައްދައިގެން ނިއުކްލިޔަރ ޕޮރޮގްރާމް ހުއްޓުވުމަށް އެމެރިކާއާއި ޔޫރަޕުން ރާވާފައިވާ ރޭވުންތައްވެސް މިހާތަނަށް ކާމިޔާބު ވެފައެއްނުވެ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ދެކޮޅަށް އަޑުއުފުލާ ގައުމުތަކަކީ ނިއުކްލިޔާ ހަތިޔާރު އެންމެ ގިނައިން އުފައްދާ ގައުމުތަކެވެ. އަދި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުދޭ އިސްރާއީލަކީ ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދައި އެއިން ޢަރަބި އިސްލާމީ ގައުމުތަކަށް ބިރުދައްކަމުން ގެންދިޔުމުގެ އިތުރުން ފަލަސްތީނާއި ޢަރަބި ބައެއްބިންތައް ގަދަބާރުން ހިފައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. އަށް ގޮންޖަހައި އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ޙަމަލާދީ ޢުދުވާން ހިންގަމުންގެންދާ ހަރުކަށި އިސްތިޢްމާރީ ގައުމެކެވެ. (ނޫސްއެޖެންސީތައް)