29 Aug 2013, 09:28
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވެފައިވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޕީބީއެސް ނެޓްވޯކަށް ދިން ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ ކެމިކަލް ހަތިޔާރު ބޭނުންކުރުމުން އެމެރިކާގެ މަސްލަހަތުތަކާ ސޫރިޔާ އިން ކުޅެފައިވާ ކަމަށާއި ސޫރިޔާގެ ސަރުކާރަށް އިންޒާރެއް ދޭން ޖެހޭ ކަމަށެވެ.
ނަމަވެސް އަސްކަރީ ގޮތުން ސޫރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަނުމާ މެދު އަދި ގޮތެއް ނިންމަވާފައި ނުވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އޮބާމާ މިހެން ވިދާޅުވެފައި މިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގައި ސޫރިޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހުއްދަދޭ ގަރާރެއް ފާސްކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރުމަށް ފަހުގަ އެވެ. އިނގިރޭސިވިލާތުން ޑްރާފްޓްކޮށްފައިވާ މިގަރާރަށް ރަޝިޔާގެ ތާއީދު އަދި ވެސް ހޯދިފައެއް ނުވެ އެވެ.
ރަޝިޔާއަކީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރެއް ކަމުން، ގަރާރު ވީޓޯކުރުމުގެ ބާރު އެގައުމަށް ލިބެ އެވެ.
ސޫރިޔާގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަން ޔަގީންވާ ކަމަށް އެމެރިކާ އިން ބުނަމުންދިޔަ ނަމަވެސް، މިކަން ޔަގީންވާ ހެކި އެމެރިކާ އިން އަދިވެސް އާއްމުކޮށްފައެއް ނުވެ އެވެ.
ތުހުމަތުކުރެވިފައިވާ ގޮތުގައި ދިމިޝްކުގެ އިދިކޮޅު ހަނގުރާމަވެރިން ގިނަ ސަރަހައްދަކަށް ސޫރިޔާގެ ސަރުކާރުން ދީފައިވާ ކެމިކަލް ހަމަލާގައި ބޭނުންކޮށްފައި ވަނީ ނާވް ގޭހެއް ކަމަށްވާ "ސެރިން" އެވެ.
އަނެއްކޮޅުން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އދ.ގެ ވެޕަންސް އިންސްޕެކްޓަރުންގެ ޓީމަކުން ދަނީ ސޫރިޔާގައި ދެވުނު ކަމަށް ބުނާ ކެމިކަލް ހަމަލާ ތަހުގީގުކުރަމުންނެވެ. މިޓީމުގެ ތަހުގީގުތަކަށް އަދި އިތުރު ހަތަރު ދުވަސް ބޭނުންވާ ކަމަށް އދ.އިން ބުނެފައިވާ އިރު، ސެކެޓްރީ ޖެނެރަލް ބަން ކީ މޫން ވިދާޅުވެފައި ވަނީ ވެޕަންސް ޓީމުގެ ތަހުގީގު ނިމެންދެން ހުރިހާ ފަރާތްތަކަކުން ވެސް ހަމަޖެހުމަށް ގޮވާލައްވާފަ އެވެ.
އަދި ވެޕަންސް ޓީމަށް އެމީހުންގެ މަސައްކަތް ނިންމަން ވަގުތު ދިނުމަށް ބަން ކީ މޫން ވަނީ އެދިލައްވާފަ އެވެ.
ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ހުޅަނގުން ކުރަމުންދާ ތުހުމަތުތައް ސޫރިޔާ އިން ދޮގުކުރަމުން އަންނަ އިރު، އެގައުމުގައި ކެމިކަލް ހަތިޔާރުގެ ސްޓޮކްޕައިލެއް ހުރި ކަމަށް މީގެ ކުރިން އަސަދުގެ ސަރުކާރުގެ އިސްވެރިން ވަނީ ވިދާޅުވެފަ އެވެ.