ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ހުޅުމާލޭގައި އިންޓަނޭޝަނަލް ޓާޝިއަރީ ފެންވަރުގެ ވަރުގަދަ ބިޔަ ހޮސްޕިޓަލެއް ގާއިމް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

"ރައްޔިތުންގެ މެނިފެސްޓޯ" މިނަމުގައި ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަނުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އަޖުމަލް ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރާ ހޮސްޕިޓަލްގައި ޚާއްސަ ބަލިތަކަށް ފަރުވާދޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ހާޓް ސާޖަރީ އާއި ކެންސާ ޕޭޝަންޓުންނަށް ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އަޖުމަލް ވިދާޅުވި އެވެ.

"އެ ހޮސްޕިޓަލްގައި ޚާއްސަ ބަލިތަކަށް އަޅުގަނޑުމެން ޚިދުމަތް ދޭނެ ގޮތްތަކެއް ހަމަޖައްސާނަން. އޭގެ ތެރޭގައި ހާޓް ސާޖަރީ، ކެންސާ ޕޭޝަންޓުންނަށް ޓްރީޓް ކުރުން. ވަރަށް މުހިންމު އާންމުކޮށް ދިވެހިންނަށް ބޭނުންވާ ހުރިހާ ބަލިތަކަށް ފަރުވާ ހޯދޭނެ ފެންވަރުގެ ހޮސްޕިޓަލެއް އަޅުގަނޑުމެން ގާއިމް ކުރާނަން،" އަޖުމަލް ވިދާޅުވި އެވެ.

އަޖުމަލް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރެވިފައިވާ ރީޖިނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރީޖިނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ދަށް ވުމުގެ ސަބަބުން ބޭސްފަރުވާ އަށް މާލެ އައުމަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

"ބައެއް ހޮސްޕިޓަލްތަކުގައި ޕޭޝަންޓަކަށް އެޑްމިޓް ކޮށްލެވޭނެ ގޮތެއް ވެސް ނެތް. ނޫނިއްޔާ ޑޮކްޓަރެއްގެ އެހީތެރިކަމެއް ވެސް ނެތް. ނޫނިއްޔާ ބައެއް ކުދިކުދި ޓެސްޓް ހެދޭނެ ވަސީލަތްތަކެއް ވެސް ނެތް. ލެބޯޓަރީ ހުރިތަންތާގައި އެތާގެ ކެމިކަލް ނެތުމުން ޚިދުމަތް ހުއްޓުމަކަށް އައިސްފައިވޭ. އެއްރަށުން އަނެއް ރަށަށް ދަތުރުކޮށްގެން ދާއިރު ތިން ހަތަރު ދަތުރު ކުރާއިރު ވެސް ފަރުވާ ނުލިބިގެން ދާންޖެހޭ. އެކަންކަން ހައްލު ކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް އުތުރާ ދެކުނުގައި ގާއިމް ކުރާނަން،" އަޖުމަލް ވިދާޅުވި އެވެ.

ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމް ކުރާ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ކައިރީގައި ފަސޭހައިން ހުރުމާއި ކެއިން ބުއިމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އަޖުމަލް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ގައިނޮކޮލޮޖިސްޓެއް ނޫންނަމަ އަންހެނުންނަށް ޚާއްސަ ސްޓާފް ނަރުހެއް ބެހެއްޓުމުގެ އިތުރުން ޓެލެ މެޑިސިންގެ ޚިދުމަތް ވެސް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާސިމް އިބްރާހީމްގެ ސަރުކާރުން ތައާރަފްކުރާ ޓެލެމެޑިސިންގެ ޚިދުމަތުން ރަށުގައި ހުރެގެން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ފޯނުންގުޅައި ބަލީގެ މައުލޫމާތު ހޯދޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްތަކުގައި ހުރި ގިނަ ބޭސްފިހާރަ ތަކުން އެންމެ އަސާސީ ބޭސް ލިބެން ނުހުންނަ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށާއި އެކަން ހައްލު ކުރުމަށް ގާސިމްގެ ވެރިކަމެއްގައި ފާމަސީތައް ހަރުދަނާ ކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށެވެ.