އެމްޑީޕީއަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ އެމްޑީޕީގެ ވައުދުތައް ތަންފީޒު ކުރުމަށްޓަކައި 137 ޕްރޮގުރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

އެމްޑިޕީގެ މެނިފެސްޓޯ އާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑިޕީގެ މެނިފެސްޓޯ ހެދުމަށް ހަރަކާތްތެރިވާ އަދި އެމްޑީޕީ ސަރުކާރުގައި އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކަކީ "ހިސާބުކުރެވި، ބަޖެޓްކުރެވިފައި"ވާ ސިޔާސަތުތަކެއް ކަމަށާއި އެކަންކަން ތަންފީޒް ކުރުމަށް އެބޭފުޅުންގެ ސަރުކާރެއްގައި 137 ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގުރާމްތައް ހިންގުމަށް 30 ބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށެވެ.

ރާޒީ ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އިތުރު ސިނާއަތްތައް ފުޅާކޮށް ދައުލަތައް ލިބޭ އާމުދަނީ 70 ބިލިއަނަށް އެރުވޭނެ ކަމަށެވެ. އަދި އެބޭފުޅުން ބަޖެޓް އަރަނި ކުރާނީ އެކިއެކިރޭވުންތެރިކަމުގެ މަތިން ފަސް އަހަރުގެ ތެރޭގައި ކަމަށް ރާޒީ ވިދާޅުވި އެވެ.

ބަޖެޓް ޑެފެސިޓް ކުޑަކުރާނީ ކިހިނެއްތޯ ސަން އިން ސުވާލުކުރުމުން ރާޒީ ވިދާޅުވީ ދައުލަތަށް އާމުދަނީ ލިބޭ ގިނަ ދާއިރާތަކެއް ތައާރަފްކުރާނެ ކަމަށާއި އަދި ހިންގުން ހަރުދަނާކޮށް ވުޒާރާތައް މަދުކުރާނެ ކަމަށެވެ.

އެމްޑިޕީގެ ވެރިކަމެއްގައި ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށާއި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ގޮތުން އިތުރު ސަބްސިޑީތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ. އަދި ސިއްހީ ދާއިރާ އާއި އިތުރު ދާއިރާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ރާޒީ ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑިޕީގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރާނެ ގިނަގުނަ ތަރައްގީގެ މަސައްކަތްތައް ހިމަނާފައިވާނެ ކަމަށެވެ.

ރާޒީ ވިދާޅުވީ އެބޭފުޅުންގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލުމަށް ޖުމުލަ 15 މަސް ހޭދަކުރި ކަމަށެވެ.