ކުޑަހުވަދޫން: މުހައްމަދު ނަސީމު
ތަރައްގީ އަށް ޓަކައި ކުރާ ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ހަމަ ނޭވާ ލައިގެން އުޅެވޭނެ ފުރުސަތު ހޯދުން ކަމަށާއި އެކަން ނުވާ ނަމަ އެ މަސައްކަތުގެ ބޭނުމެއް ނެތް ކަމަށް ޕްރޮގްރެސިވް ޕާޓީ( ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަދި އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ޕީޕީއެމުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީނު ވިދާޅުވީ ހަމަޖެހުން ހޯދައި ނުދެވޭ ނަމަ ސިޔާސީ މީހުން މިކުރާ މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށެވެ.

"މިހުރިހާ ބަނދަރު ހެދުމަކާއި އުމްރާނީ ތަރައްގީއާ މިކުރާ ހުރިހާ މަސައްކަތަކާއި ދަރިން ސްކޫލަށް ފޮނުވައިގެން ރަނގަޅު ތަރުބިއްޔަތެއް ދޭން މިކުރާ މަސައްކަތުގެ އާޚިރު ނަތީޖާއަކަށް ވާނީ އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި އުފަލާ އެކީ މުޖުތަމައުތައް ހަމަ ނޭވާ ލައިގެން ދިވެހި ޖައްވުގައި މިނިވަންކަމާ އެކީ އުޅެވޭނެ ފުރުސަތު ހޯދުން. އެހެން ނޫން ނަމަ ސިޔާސީ މީހުން މިކަން ކުރާނެ ކަމެއް ނެތް،" ޔާމީނު ވިދާޅުވި އެވެ.

ޔާމީނު އަދި ވިދާޅުވީ އަމަން ނަގާލާފައި ބޮޑެތި ވައުދުތައްވާ ސިޔާސީ މީހުންނަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ކޮންމެ މަންމައަކާއި ބައްޕައެއް އެމީހުންގެ ދަރިންގެ ފަރާތުން ލޮލަށް ފިނިކަން ލިބެން އެދޭނެ ކަމަށެވެ. އަދި އެކަމަށް ޓަކައި ރަނގަޅު ފަށާ ތައުލީމެއް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ކޮންމެ މަންމައަކު ބައްޕައަކު ބޭނުން ވާނީ އެމީހުންގެ ދަރިފުޅުގެ ފަރާތުން ލޮލަށް ފިނިކަން، މިކަން ކުރެވޭނީ، ފެށޭ ތައުލީމާ ފުރިހަމަ ތައުލީމީ ނިޒާމެއް އަޅުގަނޑުމެންނަށް އިއާދަކުރެވިގެން،" ސިޔާމު ވިދާޅުވި އެވެ.
ސިޔާމް އަދި ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭގެ ވެރިކަމެއްގައި ފުރަތަމަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލްގެ ހިދުމަތް ދޭނެ ކަމަށެވެ.

ދެފަހަރެއްގެ މަތިން ބިޑަށް ހުޅުވާލާފައިވާ ކުޑަހުވަދޫ އެއާޕޯޓްގެ މަސައްކަތް ވެސް ޕީޕީއެމްއާއި އެމްޑީއޭގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ފަށާނެ ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.

".. އަޅުގަނޑުމެންގެ ވެރިކަމެއްގައި މާތް ﷲގެ ރަހުމަތްފުޅާ އިރާދަފުޅާ އެއްކޮށް، ކުޑަހުވަދޫގައި، އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަޅުގަނޑުމެން އެއާޕޯޓްގެ މަސައްކަތް ފަށައި ދޭނަން،" ސިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްއާ އެކު އެމްޑީއޭ އިން ކޯލިޝަން ހެދި ފަހުން އެ ޕާޓީ އަށް ތާއީދު ހޯއްދަވައި ދެއްވުމަށް ޝިޔާމް ކުރައްވާ މަސައްކަތަށް މިއަދުގެ ޖަލްސާގައި ރައީސް މައުމޫނާއި ޔާމީނު ވެސް ޝުކުރު އަދާ ކުރެއްވި އެވެ.

ޕީޕީއެމުން މިއަދު ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޕީޕީއެމް އަދި އެމްޑީއޭގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. ކުޑަހުވަދޫ ބަނދަރުގައި ބޭއްވި އެ ޖަލްސާގައި ކުޑަހުވަދު އާއި ދ. އަތޮޅުގެ ބައެއް އެހެން ރަށްރަށު މީހުންގެ ތެރެއިން ޕީޕީއެމަށް ތާއީދުކުރާ މީހުން ބައިވެރި ވިއެވެ.