28 Aug 2013, 20:35
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހޮއްވެވި މެމްބަރުގެ ގޮނޑި ހުސްވެފައިވުމުން، އެ ކޮމިޝަނަށް މަޖިލިސް މެންބަރެއް ހޮވުމާ މާދަމާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އެ މައްސަލަ އެޖެންޑާއިން ނަގައިފި އެވެ.
މަޖިލީހުން ބުނީ އެ މައްސަލަ އެޖެންޑާއިން ނެގީ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން އެ މައްސަލަ ފަސްކޮށްދިނުން އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ހުށަހެޅުއްވުމުން ކަމަށެވެ. މަޖިލީހުގައި ހިމެނޭ ބޮޑު ތިން ޕާޓީ، އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީން ޖޭއެސްސީގެ މެންބަރު ކަމަށް ތިން ނަމަށް ހުށަހެޅުމުން ވެސް މިދިޔަ އަންގާރަ ދުވަހު އަގުލަބިއްޔަތެއް ނުލިބެ އެވެ. ޖޭއެސްސީ އަށް މެންބަރަކު ހޮވާ ވޯޓަށް ލިބެންޖެހޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެ ބައިކުޅައަށް ވުރެ ގިނަ ވޯޓެވެ.
މަޖިލީހުން ޖޭއެސްސީ އަށް ހޮއްވަވާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙިމްގެ ޖޭއެސްސީގެ ގޮނޑި ގެއްލުނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުންނެވެ.
ޖޭއެސްސީގެ ގާނޫނު 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމަކަށް ޖޭއެސްސީގެ މެންބަރަކު ކުރިމަތިލައިފިނަމަ އެ ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ޖޭއެސްސީގައި ތިއްބަވާ ދިހަ މެންބަރުނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި އާންމުގެ ތެރެއިން ޖޭއެސްސީއަށް ހޮއްވަވާފައިވާ ޝެއިހް ޝުވައިބް އަބްދުއް ރަހުމާނާއި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީ އަށް ކަނޑައަޅުއްވާފައިވާ މެންބަރު ލަތީފާ ގާސިމާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން އަދިވެސް ޖޭއެސްސީގެ ބައްދަލުވުންތަކަށް ހާޒިރުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00ގަ އެވެ.