28 Aug 2013, 18:55
ސްކޫލް ކުދިން ގެންގުޅުނު ނޯޓު ފޮތެއްގައި ހުރި ދިޔާއެއްޗެއްގައި އަތް ހޭކުމުން ކ. ހިންމަފުށީ ސްކޫލްގެ ގްރޭޑް 5ގެ ހުރިހާ ކުދިން އެލާޖިކް ވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ހަސަން ވިދާޅުވީ ގްރޭޑު 5ގެ ފަސް ދަރިވަރުން އެލާޖިކްވެފައި ވަނީ ގާތްގަނޑަކަށް ހަތް އިންޗި ހުންނަވަރުގެ ނޯޓު ފޮތެއް ހުޅުވުމުން އެ ފޮތުގެ ތެރޭގައި ހުރި ދިޔާއެއްޗެއްގައި އަތް ހޭކުމުން ކަމަށެވެ.
"ގްރޭޑް 5ގައި މި ތިބެނީ ޖުމްލަ އަށް ކުދިން. ކުދިން ސްކޫލަށް ގެންނަ ނޯޓު ފޮތެއް އެއީ ގާތްގަނޑަކަށް 10 އިންޗި، ހަތް އިންޗި ހުންނަވަރުގެ ޓްރާންސްޕޭރަންޓުކޮށް ބަނޑޭރި ގަނޑު ހުންނަފޮތެއް. އިއްޔެ ދަރިވަރުން އެ ނޯޓު ފޮތް ހުޅުވާލައި ބަނޑޭރި ގަނޑުގެ އެތެރޭގައި ހުރި ދިޔާއެއްޗެއްގައި އަތް ހޭކުމުން ހުރިހާ ކުދިން ވަނީ އެލާޖިކްވެފައި،" ހަސަން ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލާޖިކްވުމާ ގުޅިގެން އިއްޔެ 3:30 އެހައިކަންހާ އިރު އަށް ދަރިވަރުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އެ އަށް ކުދީންގެ ތެރެއިން ދެ އަންހެން ކުއްޖަކު ހާލުދެރަވެގެން އިތުފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ހުސައިން ހަސަން ވިދާޅުވި އެވެ.
"ދެ އަންހެން ދަރިވަރަކު ހާލުދެރަވެގެން މިހާރު ވަނީ އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލާފައި. އެލާޖިކްވީމާ އެ ދަރިވަރުންގެ އަތުގެ އިނގިލިތައް ވެސް ކައިރި ނުކުރެވޭ،" ހުސައިން ހަސަން ވިދާޅުވި އެވެ.
އެވައްތަރުގެ ނޯޓު ފޮތަކީ ބުކްޝޮޕްތަކުގައި މިހާރު އާންމުކޮށް ވިއްކަން ހުންނަ ފޮތެއް ކަމަށާއި އެ މައްސަލަ އިއްޔެ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.