28 Aug 2013, 18:48
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭން މިއަދު އާއްމުކޮށް ދައްކާލައިފި އެވެ.
މިއަދު ހަވީރު ޓްރޭޑާސް ހޮޓެލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މާސްޓާ ޕްލޭން ހުށަހަޅައި ދެއްވީ މިޕްލޭންތައް ފަރުމާކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ޑިޒައިން ސްކޫލުގެ ޑީން ޕްރޮފެސާ ހެންގް ޗީ ކިއަން އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ނިމޭ ހިސާބުން ފެށިގެން ކުލަބް ފަރު ރިޒޯޓް މިހާރު އޮތް ސަރަހައްދާ ހަމައަށް ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މާސްޓާ ޕްލޭން ދައްކާލަމުން ޕްރޮފެސާ ކިއަން ވިދާޅުވީ ދެވަނަ ފިޔަވަހީގެ ޕްލޭންތައް ހަދާފައި ވާނީ ތިމާވެއްޓާ ރައްޓެހި ބޮޑު ސިޓީއެއްގެ ތަސައްވުރުގެ މައްޗަށް ކަމަށެވެ.
ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދުތަކުގެ ތެރޭގައި އިގުތިސާދީ ސަރަހައްދަކާއި، ބިޒްނަސް ޕާކަކާއި، ޔޮޓް މެރީނާއަކާއި ނޮލެޖް ޕާކަކާއި އައިޓީ ޕާކެއް ތަރައްގީ ކުރެވިގެންދާނެ އެވެ. މީގެ ތެރެއިން ބިޒްނަސް އަދި އައިޓީ ޕާކު ފަދަ ސަރަހައްދުތައް ވެގެންދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެކްސްޓެންޝަން ކެމްޕަސްތަކަކަށް ކަމަށް ކިއަން ވިދާޅުވި އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ތިން ސަރަހައްދެއް މީހުން ދިރިއުޅެން ރާވާފައިވާ އިރު، މިސަރަހައްދުތަކުގައި ޖުމްލަ 17،000 ހައުސިންގް ޔުނިޓް އިމާރާތްކުރެވި، 100،000 އެއްހާ މީހުންގެ އާބާދީއެއް ސަޕޯޓްކުރެވޭނެ އެވެ.
މީގެ އިތުރުން މިހާރު ހުޅުމާލޭގެ ފަޅު ތެރޭގައި އޮތް ކުލަބް ފަރު ހިންގި ރަށް "ހެރިޓޭޖް އައިލެންޑް"އެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، މިރަށުގެ ގޮނޑުދޮށުން 40 ޕަސެންޓް ހަމާޔަތްކުރެވި، ހިއްކާ ސަރަހައްދުގެ ތެރޭގައި ނުހިމަނާނެ އެވެ.
ޕްރޮފެސާ ކިއަން ވިދާޅުވީ މިހާރު ވެސް ހުޅުމާލޭގައި ހުރި ބޮޑެތި މަގުތައް ދެވަނަ ފިޔަވަހީގައި ހިއްކޭ ސަރަހައްދާ ގުޅާލެވޭއިރު، މިހާރު ހިއްކާފައިވާ ސަރަހައްދާއި ހިއްކަން ފަށާ ދެވަނަ ފިޔަވަހީގެ ސަރަހައްދުގެ ދެމެދުގައި "ވޯޓާ ވޭ"އެއް ނުވަތަ ފެނުގެ ކޯރެއް އޮންނާނެ ކަމަށެވެ. އަދި މަގުތައް ދެވަނަ ފިޔަވަހީގެ ބިމާ ގުޅާލެވޭނީ މި "ވޯޓާ ވޭ"ގެ މަތިން ހުރަސްކުރާ ކުދި ބުރިޖުތަކެއްގެ އެހީގަ އެވެ.
މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ރީތި ފެނުގެ ރިޒަވޮޔާއެއް ގާއިމްކުރެވިގެންދާ އިރު، މިފެނުން ދެވަނަ ފިޔަވަހީގެ ހުރިހާ ބޭނުމެއް ހިންގޭނެ ކަމަށް ކިއަން ވިދާޅުވި އެވެ. މިރިޒަވޮޔާއަކީ ކުލަބް ފަރު މިހާރު އެ އޮތް ސަރަހައްދުގެ ކައިރީގައި ގާއިމްކުރެވޭ ރިޒަވޮޔާ އެކެވެ. މިރިޒަވޮޔާ އަށް ފެން ގެނެސްދެނީ ވާރޭ ވެހިގެން މަގުމަތީ އުފެދޭ ފެން ފިލްޓަރުކުރެވިގެން ގެނެސް ރިޒަވޮޔާއަށް އެޅޭ ގޮތަށް ކަމަށް ކިއަން ވިދާޅުވި އެވެ.
މާސްޓާ ޕްލޭން ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވީ މިއީ ތަސައްވުރެއް ކަމަށާއި ހުރިހާ އެންމެ ގުޅިގެން މަސައްކަތް ކޮށްފި ނަމަ، މިކަން މިއޮތް ގޮތަށް ކާމިޔާބު ނުވެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ފޭސް ޓޫގެ މާސްޓާ ޕްލޭން އެޗްޑީސީއިން ދައްކާލާފައިވާ ނަމަވެސް، ފޭސް ޓޫ ހިއްކަން ފެށޭނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެކުންފުނިން ބުނެ އެވެ.