28 Aug 2013, 18:02
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި އަލަށް އަޅާ ސްކޫލާއި ޕްރީ ސްކޫލުގެ ބިންގާ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަޅުއްވައިދެއްވައިފި އެވެ.
ހުޅުމާލޭގައި އަލަށް އަޅާ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވުމަށް ފަހު، ރައީސް ވަހީދު ވިދާޅުވީ މުޖުތަމައުއެއް އުފެދިގެންދާ އިރު ބޯހިޔާވަހިކަން އެކަނި ލިބިގެން ނުފެދޭ ކަމަށާއި ތައުލީމާއި ސިއްހީ ހިދުމަތް ފަދަ އަސާސީ ހިދުމަތްތަށް ލިބޭނެ ގޮތަށް ރާވަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ތައުލީމީ ހާލަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ މިހާރު ސްކޫލުތަކުން ނުކުންނަ ކުދިންނަށް ބޭނުންވާނެ ތަރުބިއްޔަތާއި ތައުލީމުގެ އާ ކަންތައްތައް ދަސްކޮށްދިނުމަށް ޓަކައި ރާއްޖޭގެ ތައުލީމަ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ސްކޫލު ނިންމާ ކުދިންނަށް ކިޔެވުމުގެ އިތުރުން އަދާ ކުރާނެ ވަޒީފާ އަކާ މެދު ވިސްނަންޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
"މިތަންތަނުން (ސްކޫލުތަކުން) ކިޔަވައިގެން ނުކުންނާނެ ކުދިންނަށް ބޭނުންވާނެ އާ ކަންތައްތައް، ތަރުބިއްޔަތާއި ތައުލީމު މިހާރު ދިނުމަށް ޓަކައި މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފަ މިއޮތީ. އެގޮތުން މި ސްކޫލުގައި ވެސް އާއްމު ޖެނެރަލް އެޑިއުކޭޝަނެއްގެ އިތުރުން އެބަ ޖެހޭ މިތަނުން ނުކުންނަ ކުދިންނަށް ވަޒީފާ ލިބޭނެ އެކި ގޮތްގޮތާ މެދު ވިސްނަން. ހަމަ އެކަނި އޭލެވެލް ހަދާ ސްކޫލެއްގެ ގޮތުގައި ނޯވެ، ގްރޭޑް 12 ނިންމާކުދިން އެއީ ވަޒީފާގެ ބާޒާރަށް ނުކުމެވޭ ވަރުގެ ތައުލީމާއި ހުނަރު ހުރި ކުދިންތަކަކަށް ހެދުމަށް މަސައްކަތް ކުރަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ޕްރީ ސްކޫލަކީ އެޗްޑީސީން 10 މިލިއަން ރުފިޔާ އަށް ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް އާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ދެ ބުރި އަށް ހަދާ އެ ޕްރީ ސްކޫލުގައި ޖުމްލަ ހަ ކްލާސް ރޫމް ހުންނާނެ ކަމަށާއި އެ ޕްރީ ސްކޫލުގައި ޖުމްލަ 500 ކުދިންނަށް އެއްފަހަރާ ކިޔަވައި ދެވޭނެ ކަމަށް ޝާހިދު ވިދާޅު ވިއެވެ.
މިއަދު ދެވަނަ އަށް ހުޅުމާލޭގައި ބިންގާ އެޅީ ގްރޭޑް އެކަކުން 12 އަށް ކިޔަވައިދޭ ސްކޫލެއްގެ ބިންގަލެވެ. އެ ސްކޫލަކީ އެޗްޑީސީން 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި ފަސް ބުރިއަށް ހަދާ އެ ސްކޫލުގައި 44 ކްލާސް ރޫމް ހިމެނޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޖުމްލަ 1500 ކުދިންގެ ޖާގަ އެކުލެވޭ އެ ސްކޫލު ނިންމުމަށް ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގައި ކަމަށް ވިޔަސް މި އަންނަ އަހަރު ކިޔެވުން ފެށުމުގެ ކުރިން އެތަން ކޮންމެވެސް ވަރަކަށް ބޭނުން ކުރެވޭ ވަރު ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.