އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު 470 އަށް އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައި ވަނީ މި އިންތިހާބުގައި ބަހައްޓާނީ 464 ވޯޓު ފޮށި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވޯޓް ފޮށީގެ އަދަދަށް ބަދަލު ގެންނަން ޖެހުނީ ވޯޓުލުުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ތައްޔާރުކޮށް ނިމުނު އިރު ބައެއް ސަރަހައްދުތަކުގައި ވޯޓްލާ މީހުންގެ ނިސްބަތަށް ބަދަލް އައިސްފައި ވާތީ ކަމަށެވެ.

"ރާއްޖޭގައި ވޯޓްލާ މީހުންގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ފައިނަލް ވެގެން އައިރު ވޯޓް ފޮށީގެ އަދަދަށް ވެސް މިވަނީ ބަދަލު އައިސްފައި. އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މުޅި ޖުމްލަ ބަހައްޓާނީ 470 ވޯޓް ފޮށި. އެގޮތުން އަޅުގަނޑުމެން މާލޭގައި ވެސް ހަ ފޮށި އިތުރު ކޮށްފިން. ވޯޓް ފޮށި އިތުރުކުރަން ޖެހުނީ ބައެއް ވޯޓް ފޮށިތަކަށް މާ ގިނަ މީހުން ވޯޓް ލާން ޖެހޭތީ އެފަދަ ވޯޓް ފޮށިތައް ދެ ފޮއްޓަން ބަދަލު ކުރަން ޖެހުނީ. ދެން މި އަދަދަކަށް އިތުރު ބަދަލެއް ނާންނާނެ،" ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ގައުމީ ކޮމްޕްލައިން ބިޔުއޯ އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ މެންބަރު އަލިމަނިކު ވިދާޅުވީ ގައުމީ ކޮމްޕްލައިންސް ބިޔުރޯ އަށް 300 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 89 މައްސަލަ އަކީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. އަދި ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ 89 މައްސަލައިގެ ތެރެއިން 72 މައްސަލަ އަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ.

"ރިޔާސީ އިންތިހާބާއި ގުޅިގެން ގައުމީ ކޮންމްޕްލައިންސް ބިޔުރޯ އަށް 300 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވޭ. އޭގެ ތެރެއިން ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއިވާ އެޑްރެސް އާއި އައިޑީ ކާޑުގެ އެޑްރެސް އާއި ދިމާ ނުވާ 89 މައްސަލައެއް ހުށަހެޅިފައިވޭ. އޭގެ ތެރެއިން 72 މައްސަލައެއް ބަލައި ނިންމައި ވަނީ މިހާރު ޖަވާބުދީފައިވޭ އަދި 17 މައްސަލައެއް ދަނީ ބަލަމުން." ފަޔާޒް ވިދާޅުވި އެވެ.

ފަޔާޒް ވިދާޅުވީ ލިސްޓްގައިވާ އައިޑީ ކާޑް ނަންބަރާއި އަތުގައިވާ އައިޑީ ކާޑް ނަންބަރާ ދިމާ ނުވާ 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އަދި ލިސްޓުގައިވާ ނަމާއި އައިޑީ ކާޑުގެ ނަމާ ދިމާ ނުވާ 58 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން 55 މައްސަލައެއް ބަލައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޔާޒް އިތުރަށް ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓުގައި ނަން ނެތް 23 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 20 މައްސަލަ އަކަށް މިހާރު ޖަވާބު ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒް ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓުގައި ނަން އޮތް ކޮންމެ މީހަކަށް ވެސް ވޯޓް ލެވޭނެ ކަމަށެވެ. އަދި ލިސްޓުގައިވާ ނަމާއި އައިޑީ ކާޑުގައިވާ ނަން ދިމާ ނުވާ ނަމަ އެ މައްސަލަ ކޮމިޝަނުން ހައްލު ކޮށްދެއްވާނެ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.

ފަޔާޒް ވިދާޅުވީ އެއްވެސް މީހަކަށް ކޮމިޝަންގެ އިހުމާލުން ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ވޯޓް ލުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމަށެވެ. ފަޔާޒް އިތުރަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި 5000 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކި ސަރަހައްދުތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.