ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި ނިއުރޭޑިއަންޓުގެ ނުރައްކާތެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ.

ދަނގަޑޭ ޕީޕީއެމްއަށް ސޮއި ކުރީ ދާދި ދެންމެއަކު ޕީޕީއެމްގެ އޮފީހުގައި އެކަމަށް ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާރުގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އަހުމަދު މަހުލޫފް އާއި ވިލިމާފަންނު ދާއިރާގެ މަޖިލީސް މެންބަރު އަހުމަދު ނިހާންގެ އިތުރުން އެ ޕާޓީގެ އިސް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

ދަނގަޑޭ އަކީ މި މަހުގެ 31 ވަނަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފަށާ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ގައުމީ ޓީމުގެ ކެޕްޓަނެވެ. އެގޮތުން މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް މިރޭ ކަތަމަންޑޫއަށް ދިއުމަށް ފުރާނެއެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތައް ފަހު މަޖީދިއްޔާގެ އަށް ވަނަ ގްރޭޑަށް ދިޔަފަހުން ކިޔެވުން އަމިއްލައަށް ހުއްޓާލުމަށް ފަހު އަޝްފާގް ވަނީ ގަލޮޅު ދަނޑުގައި ފާ ޖައްސާލައިފަ އެވެ. އެގޮތުން ދަނގަޑޭ އެންމެ ފުރަތަމަ ކުޅުނީ 2001 ވަނަ އަހަރުގެ ޕޮމިސްކަޕް ފުޓްބޯޅަ މުބާރާތުގައި ކުލަބް ވެލެންސިޔާއަށެވެ. އެމުބާރާތުގައި އަޝްފާގް ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ކޮޅަށް ލަނޑު ޖަހައި ވެލެންސިއާ މޮޅުކޮށްދިނެވެ. އޭރު ވެލެންސިޔާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވިދަމުންއާ އެންމެ ވަރުގަދަ އެއްކުލަބެވެ.

ދަނގަޑޭ ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅެންފެސިތާ، މިވޭތުވެ ދިޔަ 12 އަހަރު ދުވަހުގެ ތޭގައި އޭނާ އަށް ލިބުނު ކާމިޔާބީތަކުގެ ލިސްޓު ވަރަށް ދިގެއެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އޭނާ ވާސިލްވީ ދިވެހި ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކަކާ ވެސް އެކު އެވެ. ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ދިވެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައި އެ ރެކޯޑް ދެ ފަހަރެއްގެ މަތީން އޭނާ އާކުރީ އެހެން ކުޅުންތެރިންނަށް ކައިރިވެސް ނުކުރެވޭހާ ދުރުންނެވެ. އަދި އޭނާ ވަނީ މިހާތަނަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފައެވެ. މިއީ ވެސް ގައުމީ ރެކޯޑެކެވެ.

މީގެއިތުރުން ދަނގަދޭ ވަނީ އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ހަތަރު ފަހަރު ހޯދައިފައެވެ. އެއީ ވެސް ގައުމީ ރެކޯޑެކެވެ. އަދި ދަނގަޑޭ ވަނީ އެއް މެޗެއްގައި 21 ލަނޑު ވެސް ޖަހަފައެވެ. އެއީ ވެސް ދަނގަދޭ ފިޔަވައި އިތުރު އެހެން ކުޅުންތެރިއެއްގެ ފަރާތުން ފަހުގެ ތާރީހެއްގައި ފެނިފައިވާ މަންޒަރެއް ނޫނެވެ. ގައުމީ ޓީމަށް އެއް މެޗެއްގައި ހަތަރު ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއަކީ ވެސް ދަނގަޑޭއެވެ.

ރާއްޖޭގެ ކުލަބް ފެންވަރުގައި ދަނގަޑޭ މިހާރު ކުޅެމުން އަންނަ ކުލަބަކީ މިވަތު ރާއްޖޭގައި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ސަޕޯޓަރުން އެއް ކުލަބަކަށް ނިސްބަތްވާ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބަށެވެ. އެކުލަބަށް ދަނގަޑޭ ބަދަލުވީ 2011 ވަނައަހަރުގެ ފުޓްބޯޅަ ސީޒަންގައި ވީބީ އައްޑޫ އެފްސީއަށް ކުޅުމަށް ފަހު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި ނިއުއަށް އޭނާ ބަދަލުވީ 1.4 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން މި އަހަރުގެ ނިޔަލަށެވެ.