28 Aug 2013, 17:28
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ގާސިމް އިބްރާހިމަށް ތާއިދު ހޯދުމަށް ޓަކައި ބައެއް މީހުނަށް ރިޝްވަތު ދެމުންދާ ކަމަށް ބުނާ މައްސަލައެއް އިންތިހާބާ ބެހޭ ޝަކުވާ ބަލާ ބިއުރޯ އިން ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ފަޔާޒް ހަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގާސިމް އިބްރާހިމަށް ތާއިދު ހޯދުމަށް ބައެއް ފަރާތްތަކަށް ރިޝްވަތުދޭ ކަމަށް ބުނެ މީގެ ދެ ދުވަސް ކުރިން ހުށަހަޅާފައިވާ މައްސަލައެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށާއި އިންތިހާބު އައުމުގެ "މާކުރިންވެސް" އެ މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ނިމިފައި ވަނީ އެއް މައްސަލަ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި އެމްޑީޕީން ހުށަހަޅާފައިވާ ހަތް މައްސަލަ އަކާއި ޕީޕީއެމް ހުށަހަޅާފައިވާ ތިން މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
ފަޔާޒް ވިދާޅުވީ އެ މައްސަލަތައް ތަހްގީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދެން ޖެހިއްޖެ ނަމަ ފުލުހުންގެ އެހީތެރިކަމާ އެކު ވެސް އެ މައްސަލަތައް ތަހްގީގުކޮށް މައްސަލަތައް ނިންމާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ވިލާ ފައުންޑޭޝަނުގައި އެހީއަށް އެދިފައިވާ ފަރާތްތަކަށް މިހާރު އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ. އޭގެ އިތުރުން ބައެއް ސުކޫލުތަކަށް ފޮނުވާފައި ހުރި ތަކެތީގައި ޖުމްހޫރީ ޕާޓީގެ ލޯގޯހުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރަށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން ރޭ ވަނީ މ. މުލަކު ސްކޫލަށް 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި އެ ފައިސާއަކީ ރައީސް ވަހީދު ދެއްވަން ވައުދުވި ފައިސާއެއް ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.