މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ފެއިލްވުމުން މިމަހު ފެށުމަށް ހަމަޖެހިފައިވާ ސާފު ޗެމްޕިއަންޝިޕް ގެނެސްދެނީ ގަނެގެން ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) އިން މިއަދު ނެރުނު ނޫސް ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބަލައި އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް އަދި ކޮމިޝަންގެ އަގުވެއްޓޭ ގޮތަށް ޝާއިއުކޮށް ނެރިފައިވާ ބަޔާނެއް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު މެންދުރު ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމްބީސީ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނާއި ސްޓޭކް ހޯލްޑަރުންގެ ފުރިހަމަ ހިއްސާ އޮވެގެން މިދިޔަ އަހަރުގެ ކުރީ ކޮޅު ގަވާއިދެއް ނެރިފައިވާ ކަމަށާއި އެ ގަވާއިދު އެ ކޮމިޝަނުން އެކުލަވައިލައި ގެޒެޓްކޮސްފައިވާ ކަމަށެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 38 މާއްދާގެ (ހ) އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 35 ވަނަ މާއްދާގައި ބުނާ ގޮތުން، ރާއްޔިތުންގެ ޚާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ނުވަތަ "ލިސްޓަޑް އިވެންޓެއް" ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހައްގު އެއްވެސް ބްރޯޑްކާސްޓަރަކު، ރީބްރޯޑްކާސްޓަރަކު ހޯދައިފި ނަމަ، ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރަށް އެ ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްގެއް އެ ފަރާތަކުން އަގަކާ ނުލައި ފޯރުވައިދޭނެ ކަމަށް ގަވާއިދުގައި ވެސް ބުނެ އެވެ.

ލިސްޓްޑް އިވެންޓެއް ފޯރުވައިދިނުމަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު މަހްރޫމުވުވާނެ ފަދަ ގޮތަކަށް ނުވަތަ ޕްބްލިކް ސާވިސް ބްރޯޑްކާސްޓަރު އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުވައިދޭ ޒަރީއާ އިން ނުގެނެސްދެވޭ ފަދަ ގޮތަކަށް ލިސްޓެޑް އިވެންޓެއްގެ ވަކި ހައްގުތަކެއް ހޯދުން މަނާކޮށްފައި އޮތް އޮތުމަކީ ހައްގު ހޯދާ ބްރޯޑްކާސްޓަރަކު، ރީބްރޯޑްކާސްޓަރަކު އެ އިވެންޓެއް ވިއްކާ ފަރާތާ އެކު ސޮއިކުރާ ކޮންޓްރެކްޓްގައި، ޕްބްލިކް ސާވިސް ބްރޯޑްކާސްޓަރަށް އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ހައްގެއް ހޯދުމަށް ހުރަސްއެޅޭނެ އެއް ވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަށް ކަމުގައި ވެސް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕަކީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ ލިސްޓެޑް އިވެންޓެއް ކަމުގައިވީ ނަމަވެސް، އެ އިވެންޓް ބްރޯޑްކާސްޓްކުރުމުގެ ހައްގު ރާއްޖޭގެ އެއްވެސް ބްރޯޑްކާސްޓަރަކު ވެސް އަދި ރީބްރޯޑްކަސްޓަރަކު ވެސް މިހާތަނަށް ހޯދައިފައިވާ ކަމެއް އެ ކޮމިޝަނަށް އެނގިފައި ނުވާކަމަށް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވަނީ ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖޭގެ އެއްވެސް ބްރޯޑްކާސްޓަރެއް ނުވަތަ ރީބްރޯޑްކާސްޓަރެއް ހޯދައިގެން، ގަވައިދުގައިވާ ގޮތަށް އެމްބީސީ އަށް ދޫނުކޮށްގެން އުޅޭކަން އެމްބީސީން މިހާތަނަށް އަންގާފައި ނުވާކަމަށެވެ.