ގަތަރު އެއާވޭސް އިން މަޝްހޫރު ފުޓުބޯޅަ ކްލަބް އެފްސީ ބާސަލޯނާއާ އެކު އިޝްތިހާރު ކުރުމާ ގުޅުން ބަދަހިކުރުމުގެ ހާއްސަ ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.

ގަތަރު އެއާވޭސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އެއާލައިނާ އެފްސީ ބާސަލޯނާއާ ދެމެދު އަލަށް ގާއިމުކުރެވުނު ޕާޓްނާޝިޕްގެ ސަބަބުން އެ ފުޓުބޯޅަ ކްލަބުގެ ސަޕޯޓަރުންނާ ކުޅުންތެރިންނާ ގުޅުވައިދީ، ނިކަމެތި ހާލުގައި ދިރިއުޅޭ ކުޑަކުދިންނަށް އެހީވެދިނުމުގެ އިތުރުން ފުޓުބޯޅައިގެ ފޯރި މުޅި ދުނިޔެއަށް ފެތުރުމަށް މަސަތްކަތްތަކެއް ކުރެވިގެން ދާނެކަމަށެވެ.

މި ޕާޓްނާޝިޕް އިއުލާނުކުރީ ސްޕެއިންގެ ބާސަލޯނާ ސިޓީގައި ހުންނަ އެފްސީ ބާސަލޯނާގެ ރަސްމީ ސްޓޭޑިއަމް، ކޭމްޕް ނާއޫގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، އަންގާރަ ދުވަހު އެވެ. ނަމަވެސް މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ޕާޓްނާޝިޕް ކުރިއަށްދާ ކަމަށް ގަތަރު އެއާވޭސް އިން ނެރުނު ނޫސްބަޔާނުގައިވެ އެވެ.

ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބޭކަރާއި އެފްސީ ބާސަލޯނާގެ ރައީސް ސަންޑްރޯ ރޮސެލް، އަދި އެ ކުލަބުގެ އިގްތިސޯދީ ރޭވުންތަކާ ބެހޭ ނައިބު ރައީސް ހަވިއެރު ފައުސް ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަކްބަރ އަލް ބޭކަރު ވިދާޅުވީ މި ޕާޓްނާޝިޕުގެ މަގުސަދެއްކަމުގައި ވާނީ ގަތަރާ އެފްސީ ބާސަލޯނާއާ ދެމެދު އޮތް ގުޅުން މުޅި ދުނިއެ އަށް ފާޅުކޮށްދިނުން ކަމަށާއި އެ އެއާލައިންގައި ދަތުރުކުރާ ޕެސެންޖަރުންނާ އެކު މި ޕާޓްނާޝިޕް ހިއްސާކުރުން ކަމަށެވެ.

"މި ގުޅުމުގެ ސަބަބުން ގަތަރު އެއާވޭސްއާއި އެފްސީ ބާސަލޯނާ އައު އުސްމިންތަކަކަށް އުފުލިގެންދާނެ. އަދި އެފްސީބީ އާ އެޓީމުގެ ސަޕޯޓަރުންނާ ގުޅުވައިދެވޭނެ،" ގަތަރުގެ ސީއީއޯ ވިދާޅުވި އެވެ.

އެފްސީ ބާސަލޯނާގެ ރައީސް ސަންޑްރޯ ރޮސެލް ވިދާޅުވީ ބާކަ އާ ގަތަރަކީ ވަރަށް ގިނަ ކަންތައްތަކެއް އެއްގޮތް ދެފަރާތްކަމަށާއި، ހާއްސަކޮށް ދުވަހުން ދުވަހަށް ކުރިއެރުން ހޯދަން ދެފަރާތުން ވެސް ދޭ އަހައްމިއްޔަތާއި، އެކި އެކި މީހުން ގުޅުވައިދިނުމަށް ދެފަރާތުން އެދޭ އެދުން ރޮސެލް ފާހަގަ ކުރެއްވި އެވެ.

"އަދި މި އެދުމުގެ ސަބަބުން އަހަރެމެންގެ ސަޕޯޓަރުންގާތުގައި ކޮންމެދުވަހަކުވެސް ތިބުމަށް ބޭނުންވޭ،" ބާކަގެ ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް މެލޭޝިޔާގެ ކުއަލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް މި މަހުގެ ކުރީކޮޅު ކުރި ދަތުރުގައި އެފްސީ ބާސަލޯނާގެ އައު "ސްޕޯޓްސް ކިޓް" ވެސް ވަނީ ދައްކާލާފަ އެވެ.