28 Aug 2013, 16:02
ހދ. މަކުނުދޫގައި 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުގައި އަންހެނަކު އެ ރަށުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ފަރާތުން މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި އޯގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ 19:15 ހާއިރު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 23:30 ހާއިރު 42 އަހަރުގެ ފިރިހެނަކު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި އެ އެމީހާ ވެސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުން 13 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ އެކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.
މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.