އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހެދުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ ލޯނެއް ތައި އެގްޒިމް ބޭންކުން ދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް މިއަދު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ތިން އަހަރު ދުވަހުގެ މަޝްރޫއެއް ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭއެއް ހެދުމަށް ހުޅުލޭގެ އިރުމަތީ ފަރާތުން ތިން މިލިއަން ކިއުބިކް ފީޓްގެ ބިން ހިއްކުމާއި 1.8 މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް ހިއްކާ ސަރަހައްދުގައި ކޯޑް އެފް ރަންވޭއެއް ހަދަނީ. އޭރުން މިހާރު ބޭނުންކުރާ އެންމެ ބޮޑު މަތިންދާބޯޓު 380 އޭގެ މަތިންދާބޯޓު ޖެއްސޭނެ. އޭރުން މިހާރު ބޭނުންކުރާ ރަންވޭ ޓެކްސީވޭއަކަށް ބޭނުންކުރާނީ،" ބަންދު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްގެ އާ ރަންވޭ ހަދާ ސަރަހައްދު ހިއްކުމާއި ރަންވޭ ހެދުމާއި ޓާމިނަލް ތަރައްގީކުރުމަށް ގާތްގަނޑަކަށް 380 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޭގެ ތެރެއިން 150 މިލިއަން ޑޮލަރުގެ ލޯނު ތައި އެގްޒިމް ބޭންކުން ނެގުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ބަންދު ސަލީމް ވިދާޅުވި އެވެ.

"ޓާމިނަލް ހެދުމަށް ޑިޒައިންކުރަމުން ދަނީ. އެކަމަށް ބޭނުންވާ ފަންޑިން ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ހަމަޖެހޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އާ ރަންވޭ ހަދާ ނިމޭއިރަށް ޓާމިނަލްގެ މަސައްކަތް ފަށަން،" އޭނާ ވިދާޅުވި އެވެ.

ބަންދު ވިދާޅުވީ 2015 ވަނަ އަހަރުގެ ނިޔަލަށް އެއާޕޯޓުން 1.8 މިލިއަން ޕެސެންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީކުރާ އިރު އިތުރު ރިސޯޓްތަކެއް އަންނަން ޖެހޭ ކަމަށެވެ.

"އިތުރު ރިސޯޓެއް ނުނިމޭ ނަމަ މިތަނަށް ގްރޯތެއް ]ކުރިއެރުމެއް[ ނާންނާނެ. ރިސޯޓްތައް ހުޅުވުމަކީ ވަރަށް މުހިންމު ކަމެއް. 2015 ވަނަ އަހަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް މަދުވެގެން ބޭނުންވާނެ 1.5 މިލިއަން ޓޫރިސްޓުން އަންނަން. އޭރުން އަޅުގަނޑުމެންނަށް އެއާޕޯޓް ހަމަޖެހިގެން ހިންގޭނީ،" އޭނާ ވިދާޅުވި އެވެ.

ބަންދު ވިދާޅުވީ އެއާޕޯޓްގެ އާ ރަންވޭ އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ ޑްރެޖިން އިންޓަނޭޝަނަލްއާ ހަވާލުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ހުޅުމާލެ ހިއްކަން އަންނަ މީހުންނާ މަޝްވަރާކޮށްގެން އެ މަސައްކަތް ނިމޭއިރަށް އަޅުގަނޑުމެން މަސައްކަތް ފަށައިފި ނަމަ އަގު ދަށްވެގެންދާނެ. ކޮންމެހެން އަވަސްއަރައިގެން މާ ބޮޑު އަގުގައި ކުރާކަށް ނުޖެހޭ. ހަރަދުކުޑަކޮށް އަވަހަށް ކުރުން މީގެ އެންމެ ރަނގަޅު ގޮތަކީ،" އޭނާ ވިދާޅުވި އެވެ.