28 Aug 2013, 14:50
ސްރީ ލަންކާގައި އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓިގޭޓިވް ޖާނަލިޒަމް ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ނޫސްވެރިންނަށް ހުޅުވާލައިފި އެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ މީޑިއާ ޑެވެލޮޕްމަންޓް އެންޖީއޯ ކަމަށްވާ "ދަ ތޮމްސަން ފައުންޑޭޝަން" އާއި ސްރީ ލަންކަން ކޮލެޖު އޮފް ޖާނަލިޒަމް ގުޅިގެން ހިންގާ އެ ވޯކްޝޮޕް ކުރިއަށް ގެންދަނީ ހަތަރު ސެޝަނަކަށް ބަހާލައިގެން ނެވެ. އެ ހަތަރު ސެޝަންގައި ކުރިއަށް ދަނީ ނޫސްވެރިކަމުގެ ހަތަރު މީޑިއަމެއް ކަމަށްވާ ޕްރިންޓް، ޓީވީ، ރޭޑިއޯ އަދި އޮންލައިން މީޑިއަމަށް ހާއްސަކޮށް އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރާނެ ގޮތާ ބެހޭ މައުލޫމާތު ދޭ ގޮތަށެވެ.
ސްރީ ލަންކަން ކޮލެޖު އޮފް ޖާނަލިޒަމުން ބުނީ އެ ވޯކްޝޮޕަކީ ސްރީ ލަންކާގެ އިތުރުން ދިވެހި ރާއްޖޭގެ ނޫސްވެރިންނަށް ބައިވެރިވެވޭ ގޮތަށް ހިންގާ ވޯކްޝޮޕެއް ކަމަށެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ބުނީ އެ ވޯކްޝޮޕްގައި ބައިވެރިވުމަށް ހޮވޭ ނޫސްވެރިންނަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ކަންތައް ކޯސް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައިދެވޭނެ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ކޮންމެ ނޫސް އެޖެންސީއަކުން ވެސް ރިޕޯޓަރެއްގެ ނަން ނޮމިނޭޓްކުރުމަށް އެމްޖޭއޭ އިން ވަނީ ހުޅުވާލާފަ އެވެ. ނޮމިނޭޓްކުރާ ރިޕޯޓަރުންގެ ޝަރުތުތަކުގެ ތެރޭގައި އެމީޑިއަމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައި ވުމާއި، މީގެ ކުރިން ޓީވީ، ރޭޑިއޯ، އޮންލައިން ނުވަތަ ޕްރިންޓުގައި އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މަސައްކަތްކޮށްފައިވުމަކީ އެޑްވާންޓޭޖެއް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
ސްރީ ލަންކަން ކޮލެޖު އޮފް ޖާނަލިޒަމްއިން ބުނީ ކޮންމެ ސެޝަނެއްގައި ވެސް ރާއްޖޭގެ ތިން ނޫސްވެރިއަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.