އެމެރިކާގެ ނޭވީންނާއި ދިވެހި ސިފައިން ގުޅިގެން ކުޑަކުދިންގެ ބަގީޗާގައި މާދާމާ މެޑިކަލް ކޭމްޕެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، މިހާރު ރާއްޖެ އައިސް އުޅޭ އެމެރިކާގެ ނޭވީ މަނަވަރު "ޔޫއެސްއެސް މޮމްސަން"ގެ ނޭވީންނާއި އެމްއެންޑީއެފް ގުޅިގެން މާދަމާ ހެނދުނުން ފެށިގެން ތަފާތު އިޖުތިމާއީ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އެގޮތުން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކުޑަކުދިންގެ ބަގީޗާގައި "މެޑިކަލް ކޭމްޕް"އެއް ފަށާނެ ކަމަށް  އެ ބަޔާނުގައިވެ އެވެ.


އެ ކޭމްޕުގައި ކުޑަކުދިންނަށް ތަފާތު ސިއްޚީ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރަށް ފިޓްނަސް ބެލުން ފަދަ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.


"ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގައި ޑެންޓަލް މައުލޫމާތު ދިނުމާއި ފިޓްނަސް ބެލުމާއި އަދި ފަޔާ ސޭފްޓީ ޕްރޮގްރާމްތަކާއި ސީޕީއާރު ދޭނެ ގޮތް ކުޑަކުދިންނަށް ދަސްކޮށްދިނުން ފަދަ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވޭ،" އެމްއެންޑީއެފުން ބުންޏެވެ.


މާދަމާ މެންދުރު މިލިޓަރީ ޕެނަލް ޑިސްކަޝަންއެއް އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެ ޕެނަލް ޑިސްކަޝަންގައި އެމެރިކާގެ ނޭވީންނާއި ދިވެހި ސިފައިންނާއި ފުލުހުންނާ އަދި އިމިގްރޭޝަން ޑިޕާޓްމަންޓުން ބައިވެރިވާނެ އެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ، މާދަމާ ހެނދުނު 9 ޖަހާއިރު ވިލިމާލޭ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި އެމެރިކާގެ ނޭވީން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ވެސް ޒިޔާރަތްކުރާނެ ކަމަށެވެ.