ހިލޭ އަންހެނަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްސަލަ ބެލުމުގައި ބައިވެރިވެފައިނުވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަލީ ހަމީދުގެ މައްސަލަ ބެލުމަށް އެޖެންޑާ ކުރުމުން އެކަމަށް މުސްތަގިއްލު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ބައްދަލަލުވުމުގައި ވެސް އަދި އެ ކޮމެޓީގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

އާދަމް މުހައްމަދު ވިދާޅުވީ އަލީ ހަމީދުގެ މައްސަލަ ބެލުމުގައި މިއަދާ ހަމައަށް ވެސް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނޫން ނަމަ ހިއްސާކުރެއްވުމެއް ވެސް ނޯންނާނެ ކަމަށެވެ.

ކަންއެގޮތަށް ހުރި އިރު ކޮމިޝަން ހިންގުމުގައި އާދަމް މުހައްމަދުގެ އިހުމާލެއް ދެއްކުމުގެ ގޮތުން އެ ކޮމިޝަންގެ މެމްބަރު ޝުއައިބު އަބްދުއްރަހްމާން އޭނާ އަށް ނިސްބަތްކޮށް މީޑިއާގައި ދައްކަމުންގެންދާ ވާހަތަކަކީ ހަގީގަތެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މިއަދާ ހަމައަށް ވެސް ކޮމިޝަން ހިންގުމުގައި އޭނާގެ ވާޖިބާއި ޒިންމާ އަދާކުރަމުން ގޮސްފައި ވަނީ ގާނޫނު އަސާސީއާ ހެދިފައިވާ ގާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ.