ތޫނު ހަތިޔާރު ހިފައިން މާލޭގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ކުޑަ ކުއްޖަކާ އެކު ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރޭ 22:45 އެހާކަންހާއިރު ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ 39 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބުރުޒުމަގު ލޮޓަސް ބައިކް ޝޮޕް ފިހާރަ ކައިރީގައި ވަޅިތަކެއް ހިފައިގެން ހަރަކާތް ތެރިވަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުން ހައްޔަރުކުރީ ރޭ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްވި ފުލުހުންނަށް އެމީހުންގެ އަމަލުތައް ހުރި ގޮތުން އެ މީހުންނާ މެދު ތުހުމަތު ކުރެވިގެން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އެ ހަތަރު މީހުން ގެންގޮސް ބަލައި ފާސް ކުރި އިރު ދެ ވަޅި އާއި ދަގަނޑު ޗޭނުގަނޑެއް އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުުންޏެވެ.

އެ ހަތަރު މީހުންގެ ތެރޭގައި ތޫނުހަތިޔާރު ބޭނުންކޮށްގެން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށްފައިވާ މައްސަލަތަކުގެ ރެކޯޑްތަކާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްތަކާއި މައްސަތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް ތަކުގެ އިތުރުން ގްރޫޕް ހަދައިގެން ތޫނު ހަތިޔާރުން ބިރުދައްކައި މީހުންގެ އަތުން ފައިސާ އަތުލާފައިވާ މައްސަލަތަކުގެ ރެކޯޑްތައް އޮންނަ މީހުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތޫނު ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅުނު މި މައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.