28 Aug 2013, 14:26
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 3.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިއަހަރު ދިހަ ކުއްޖަކު މެލޭޝިއާއަށް ކިޔަވަން ފޮނުވަން ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ ހަރަދުގައި ކިޔަވަންދާ ކުދިންނަށް ސްކޮލާޝިޕް ސެޓްފިކެޓް ހަވާލުކުރުން އޮތީ މިއަދު ހެނދުނު އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ސްކޮލާޝިޕް ލިބުނު ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް އަދި ބޯޑު މެމްބަރުންނާއި އެޑިއުކޭޝަން ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެއާމަން ވިދާޅުވީ ކުންފުނީގެ ފަރާތުން ދިވެހިންނަށް ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެއްދޭ ކަމެއް ކަމަށެވެ.
"އެކަންތައް ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރެވިފައި. ކުންފުނީގެ ފަރާތުން މިއަހަރު އަންޑަގްރެޖުއޭޓް ދިހަ ސްކޮލާޝިޕް ދޭން ނިންމުމަކީ އެކަމުގެ ހެއްކެއް. ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން އަޅުގަނޑު އެދޭ އެދުމަކީ ކިޔާ ދުވަސްވަރު ފައިސާ ބޭކާރުކޮށްލައި ކިޔެވުމުގައި ކާމިޔާބު ވަނަތަކެއް ހޯދައިގެން އެނބުރި އައުން،" އޭނާ ވިދާޅުވި އެވެ. "އަދި އެނބުރި އައިސް ތިމާގެ ގައުމަށް ހިދުމަތްކުރުމުގައި ދެމިތިބުން."
އެމްޔޫ މަނިކު ވިދާޅުވީ ޔުނިވަސިޓީ ތައުލީމަކީ ކޮންމެ މީހެއްގެ ދިރިއުޅުން ބައްޓަންކުރަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. އަދި ރާއްޖޭގައި މުސްތަގުބަލު އޮތީ ކިޔަވައިގެން ތިބި ހުނަރުވެރި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަރުގެ އޮޕޮޗުނިޓީއެއް އަޅުގަނޑުމެން މިދެނީ ދިވެހި ރާއްޖޭގައި ތައުލީމީ ހުނަރުވެރި ޒުވާނުންތަކެއް އުފައްދަން. ދިވެހި ރާއްޖޭގެ މުސްތަގުބަލު އޮތީ ކިޔަވައިގެން ތިބި ރަނގަޅު މީހުންނަށް. ހާލުކުވެގެން އައިސް ގައުމު ހަލާކުކުރަން އުޅޭ މީހުންނެއް އަޅުގަނޑުމެން ބޭނުމެއް ނެތް،" އެމްޔޫ މަނިކު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ބަންދު ސަލީމް ވިދާޅުވީ އެ ކުންފުންޏަށް ތަފާތު ދާއިރާތަކުން މީހުން ބޭނުންވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ބޯޑުގެ އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްއޭސީއެލް އިން ކުރިޔަށް ގެންދާ ސްކޮލާޝިޕް ޕްރޮގްރާމަކީ އެއާޕޯޓް ކުރިން ހިންގި ޖީއެމްއާރުން ފެށި މަޝްރޫއެކެވެ. ނަމަވެސް އެ ކުންފުނީގެ އެއްބަސްވުން ބާތިލުކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 8ވަނަ ދުވަހުން ފެށިގެން އެއާޕޯޓް ހިންގުން އެމްއޭސީއެލް އިން ހަވާލުވުމަށް ފަހު ސްކޮލާޝިޕް ކުރިޔަށް ގެންދަނީ އެ ކުންފުނިންނެވެ.
އެ ކުންފުނިން ބުނީ އެ ސްކޮލާޝިޕްގެ ދަށުން ކޯސް ފީ އާއި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ހަރަދު އަދި ޓިކެޓް ހަރަދު ދެވޭނެ ކަމަށެވެ. އެގޮތުން އިންޑިއާގައި ކިޔަވާ ކުއްޖަކަށް އަހަރަކު 100،230ރ. އަދި މެލޭޝިއާގައި ކިޔަވާ ކުއްޖަކަށް 212،796ރ. ހަރަދުވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި އަހަރު އަލަށް ފޮނުވާ ކުދިން ކިޔަވަން ހަމަޖެހިފައިވާ ދާއިރާތަކަކީ ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް އެންޑް ފައިނޭންސް އާއި ބެޗްލާ އޮފް ސައިންސް އިން އިންފޮމޭޝަން ޓެކްނޮލޮޖީ އިން ފޮރެންސިކް ކޮމްޕިއުޓިންނާއި ބެޗްލާ އޮފް އާޓްސް އިން އެކައުޓިން އެންޑް ފައިނޭންސް އާއި ބެޗްލާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް މެނޭޖްމަންޓް އަދި އޭސީސީ ކޮލިފިކޭޝަން އެވެ.
އެ ކުންފުނިން ބުނީ މެލޭޝިޔާގައި އެ ކުދިން ތައުލީމް ހާސިލް ކުރާ ކޮލެޖްތަކުގެ ތެރޭގައި ޔުނިވަސިޓީ އޮފް ނޮޓިންގްހަމް އާއި ހެލްޕް އެކަޑަމީ އާއި ކޭޑީޔޫ ޔުނިވަސިޓީ ކޮލެޖާއި އޭސިޔާ ޕެސިފިކް ޔުނިވަސީ އަދި ސަންވޭ ކޮލެޖް ހިމެނޭ ކަމަށެވެ.
އެ ކުންފުނިން ބުނީ މިހާތަނަށް އިންޑިއާއަށް 24 ކުދިން ކިޔަވަން ފޮނުވާފައިވާ ކަމަށެވެ. އަދި ޑިސެމްބަރު 8، 2012 ން ފެށިގެން އެ ކުދިންގެ ހަރަދުތައް ވެސް ބަލަހައްޓަނީ އެމްއޭސީއެލް އިން ކަމަށް ބުންޏެވެ.