މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމު އުނޫޝާ (ކިޑީ)އަށް "ޖިސްމު 3"އަށް ލަވައެއް ކިޔައިދީފި އެވެ. އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ޖިސްމު ތިނަކަށް އުނޫޝާ ލަވައެއް ކިޔައިދީފައިވާއިރު، މިދިޔަ އަހަރު ނެރުނު "ޖިސްމު 2"އަށް ވެސް އުނޫޝާ ވަނީ ލަވައެއް ކިޔައިދީފަ އެވެ.

އުނޫޝާގެ މެނޭޖަރު އަދި އޭނާގެ ފިރިމީހާ އިސްމާއިލް ހަމީޝް ބުނީ އިންޑިއާގެ ޑައިރެކްޓަރު ޕޫޖާ ބަތު ޑައިރެކްޓު ކޮށް އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "ޖިސްމު 3" ގެ ލަވައެއްގެ ރިކޯޑިން މިދިޔަ އާދީއްތަ އުނޫޝާ ހަދާފައިވާ ކަމަށެވެ.

"ޖިސްމު 2"އަށް "ހޭވައްލާ" އިނގިރޭސި ލަވަ ކިޔާފައިވާ އުނޫޝާ މިފަހަރު ކިޔާނީ ކިޔައިދިނީ ހިންދީ ލަވައެކެވެ. އެގޮތުން އެ ލަވަ ކިޔާފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއަކާއި އެކުގައި ކަމަށް ހަމީޝް ބުންޏެވެ.

އުނޫޝާ ނުވަތަ މަޝްހޫރު ނަމުންނަމަ ކިޑީ ވަނީ އޭނާގެ ދެވަނަ ބައިނަލްއަގުވާމީ ސޯލޯ ކޮންސެޓް، "އުނޫޝާ ލައިވް އިން ކެރެލާ" ވެސް މިދިޔަ އާދީއްތަ ދުވަހު ބާއްވާފަ އެވެ.

އުނޫޝާގެ ރަސްމީ އިވެންޓް މެނޭޖަރު ކަމަށްވާ ހައިރައިސްއިން ބުނީ ޓްރިވެންޑްރަމްގެ ކޯ ބޭންކު ޓަވާސްގެ އޮޑިޓޯރިއަމުގައި ބޭއްވި އެ ޝޯއަށް ހީނުކުރާވަރުގެ ތަރުހީބެއް ކެރެލާއިން ލިބުނު ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އާއި ކެރެލާ ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީގައި ބޭއްވި އެ ޝޯގައި އުނޫޝާގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އުނޫޝާގެ މަންމަ ޝަފީގާ އާއި ކުޑަ އިއްބެގެ އިތުރުން އަބްދުލް ބާސިތު އަބްދުލް ސައީދު (ބާޗީ) ވަނީ ޝޯގައި ބައިވެރިވެފަ އެވެ.

އެންމެ ފުރަތަމަ ދިވެހި ސޯލޯ ކޮންސެޓެއް ބޭއްވުމުގެ ޝަރަފު ހޯދި، އުނޫޝާވަނީ 2011 ވަނަ އަހަރު އޭނާގެ ފުރަތަމަ ސޯލޯ ކޮންސެޓް ކޮލަންބޯގައި ބާއްވާފަ އެވެ. މީގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ހައިރައިސް ގެ ފަރާތުން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި ހަތަރުވަނަ "ސައުންޑް އޮފް މޯލްޑިވްސް" ގައިވެސް އުނޫޝާ ވަނީ ބައިވެރިވެފަ އެވެ.