28 Aug 2013, 13:39
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެމްޑީޕީން ތަދައްހުލް ވެއްޖެ އެވެ.
އިލެކްޝްންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ އިސްތިއުނާފް ކޮމެޓީގެ މެންބަރު އަދި ގާނޫނީ ވަކީލް އަހުމަދު ޒަނީން އަދަމް އެވެ. އޭނާ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އަމިއްލަ ގޮތުން ކަމަށް އޭނާ ބުނެފައިވެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީން އެ މައްސަލައިގެ ތެރެއަށް ތަދުއްހުލްވާން ނިންމީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ އެމްޑީޕީން ވެސް ވާދަކުރާ ރިޔާސީ އިންތިހާބަކަމަށް ވާތީ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އަޅުގަނޑުމެން އެމްޑީޕީން ތަދައްޙުލްވާން ނިންމީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ އަޅުގަނޑުމެން އެމްޑީޕީން ވެސް ވާދަކުރާ ރިޔާސީ އިންތިހާބަކަށް ވާތީ،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޒަނީން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އެ މައްސަލަ ހުށަހެޅުއްވީ އަމިއްލަ ގޮތުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމް އިން ކަމަށް އިންތި ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމް އިން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނާ ދެ ކޮޅަށް ޕީޕީއެމް އިން މައްސަލައެއް ހުށަހަޅާނެ ކަމަށް ބުނެފައިވާ ކަމަށާއި އަދި އެ މައްސަލަ ހުށަހެޅުއްވީ ވެސް ޕީޕީއެމްގެ އިސްތިއުނާފް ކޮމެޓީގެ މެންބަރެއް ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމް އިން މައްސަލަ ހުށަހެޅި ކަމުގައި ވިޔަސް އިލެކްޝަންސް ކޮމިޝަނުން އިންތިހާބުބާއްވަން ނިންމާފައިވާ ތާރީހަށް އެއްވެސް ބަދަލެއް ގެނެސް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ގާނޫނީ ވަކީލް ޒަނީން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ވާދަވެރި ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާ މެދު ސުވާލު އުފޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް މިނިވަން އައިޓީ އޮޑިޓަރެއް މެދުވެރިކޮށް އިލެކްޝަންސްގެ އައިޓީ ނިޒާމް އޮޑިޓް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެކި ޕާޓީތަކުން ވަރަށް ގިނަ ފޯމްތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމްތައް ރަޖިސްޓްރީ ކުރެވުނުތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
ވޯޓުލާ މީހުންގެ ލިސްޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ސޮއިކުރަން ޖެހޭނެ ކަމަށާއި އަދި އެލިސްޓުގެ ކޮޕީއެއް ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވިޔަ ނުދިނުން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން އެކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި ވަނީ އެދިފަ އެވެ.
ޒަނީން ހުށަހެޅުއްވި އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.