28 Aug 2013, 13:24
ގއ. ވިލިނގިލީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފައްޓަވައިދެއްވައިފި އެވެ.
މިއަދު ހެނދުނު 9:00 އެހައިކަންހާ އިރު ވިލިނގިލީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި އެއްވެސް ހުއްޓުމެއް ނެތި އެ ރަށު މަގު ހެދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ މިއަދު ފެއްޓީ ވިލިނގިލީ 15 މަގެއް ހެދުމުގެ މަޝްރޫއު ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހަ ކިލޯމީޓަރުގެ މަގު ހަދައި ނިމޭނެ ކަމަށެވެ. އަދި އެއަށް ފަހު ދެން ހުރި މަގުތައް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"އެހެންވީމާ މިރަށަކީ ހުރިހާ މަގުތައް ހެދިފައިވާ، މަގުމަތީގައި ފެންބޮޑު ނުވާ، މަގުމައްޗަށް ހިޔާވަހި ސާފު ރަށަކަށް މާތްﷲ އިރާދަކުރެއްވިއްޔާ ވާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ވިލިނގިލީ މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދަނީ އެ ރަށު ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދޭތީ ކަމަށާއި އެކަމަށް ޓަކައި ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސައިން އަށާއި އެކައުންސިލްގެ ހުރިހާ މެމްބަރުނަށް ރައީސް ވަހީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވީހާ ވެސް ގިނަ ރަށްތަކެއްގެ މަގު ހެދަށް ކަމަށާއި ބައެއް ރަށްރަށުގެ މަގު ހަދަންޖެހެނީ "ހަނގުރާމަކޮށްގެން" ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ރަށްރަށުގެ މަގުހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބައެއް ރަށްތަކުގެ ކައުންސިލްގެ އެހީތެރިކަން ނުލިބުނު ނަމަވެސް ރައްޔިތުން ތިބީ ސަރުކާރާ އެކު ކަމަށެވެ. އެހެންކަމުން އެއްވެސް ފަސްޖެހުމެއް ނެތި ރައްޔިތުންގެ އެއްބާރުލުމާ އެކު މަގުހަދަން ޖެހޭ ރަށްތަކުގެ މަގު ހަދަމުން ގެންދާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކޮށްދޭންޖެހޭ ޚިދުމަތް ކޮށްދިނުމަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މަގު ހަދަން ޖެހޭ ތަންތާގައި އަޅުގަނޑުމެން މަގު ހަދާނަން. ރައްޔިތުންނާ އެކުގައި އެކަން ކުރާނަން. ކައުންސިލްގެ އެހީ ނުލިބުނަސް އަޅުގަނޑުމެންނާ އެކީގައި ރައްޔިތުން މިތިބީ. އެހެންވީމާ ރައްޔިތުންނާ އެކީ ރައްޔިތުންނަށް ފައިދާވާގޮތަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުންގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ވިލިނގިލީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ރައީސް ވަހީދު ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހަ ކްލާސް ރޫމްގެ ބިންގާ އަޅުއްވައިދެއްވާފަ އެވެ.