28 Aug 2013, 13:12
ހުޅުމާލޭގައި ޕީޕީއެމް އިން ކެމްޕެއިން ކުރުމަށް ހަދާފައި ހުންނަ ޖަގަހައިން ވައްކަންކޮށް އެތަނުގައި ހުރި ކެރެމްބޯޑެއްގެ ފޮތިތަކާއި ރާޒުވާގެ ކުޅިބަޔާއި ލަވަޖަހަން ބޭނުންކުރާ އެމްޕެއް ވަގަށް ނަގައިފި އެވެ.
ޕީޕީއެމް ހުޅުމާލޭ ޖަގަހަޔާ ހަވާލުވެ ހުންނަ ހަސަން ޒަރީރު މިއަދު "ސަން" އަށް ބުނީ ރޭ އެ ޖަގަހައިން ވައްކަން ކުރީ ސީދާ ކޮންވަގުތަކުކަން ބުންނަން ނޭނގޭ ކަމަށާއި އެކަން ކޮށްފައި ވަނީ ރޭ 12:00 ގެ ފަހުން ކަމަށެވެ.
"ވަގަށް ގެންދިޔައީ ކެރަމްބޯޑް ފޮތިތައް، ބޯޑެއް ނުގެންދޭ، ދެން ގެންދިޔައި ރާޒުވާ ކުޅިބައި، އޭގެ ވެސް ބޯޑެއް ނުގެންދޭ، ދެން އެގެންދިޔައީ ލަވަޖަހާ އެމްޕް،" ޒަރީރު ބުންޏެވެ.
އޭނާ ބުނީ އެ ޖަގަހަޔަށް ވަގުން ވަދެއްފައި ވަނީ ޖަގަހަ ހަލާކުކޮށްގެން ނޫން ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ބުންޏެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އެ މައްސަލަ މިއަދު ހެނދުނު ފުލުހުނަށް ހުށައެޅުމުން މިހާރު އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.