މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ ޒިންމާ، އެކޮމިޝަނަށް އުފުލުމުގައި ނުކުޅެދިފައިވާތީވެ، މިމަހު ފަށަން ހަމަޖެހިފައިވާ ސާފު ޗެމްޕިއަންޝިޕް ގެނެސްދޭން ޖެހިފައި ވަނީ ގަނެގެން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) އިން ބުނެފި އެވެ.

އެމްބީސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސާފު ޗެމްޕިއަންޝިޕަކީ ބްރޯޑްކޮމްއިން އާއްމުކޮށް، އަމަލުކުރަމުން އަންނަ ބްރޯޑްކާސްޓުކުރުމުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައިވާ ލިސްޓެޑް އިވެންޓެއް ކަމަށެވެ.

ބްރޯޑްކާސްޓިންގް ގަވާއިދުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ހާއްސަ ޝައުގެއް ހުންނަ ބައިނަލްއަގުވާމީ އިވެންޓުތައް ބްރޯޑްކާސްޓްކުރުމުގެ ހައްގު ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ހައްގު އެއްވެސް ފަރާތަކުން ހޯދައިފި ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެއްވެސް އަގަކާ ނުލާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މިގޮތަށް ގެނެސްދޭ އިވެންޓުތަކުގެ ސްޕޮންސާ އިން ނެގޭ ފައިސާގެ 50 ޕަސެންޓަށް ވުރެ ކުޑަ ނޫން މިންވަރެއް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު، އިވެންޓް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިން ފަރާތަށް ދޭން ޖެހެ އެވެ.

ގަވާއިދުގައި ބުނަ ގޮތުން މިފަދަ އިވެންޓުތައް (ލިސްޓެޑް އިވެންޓް)، އެއިވެންޓެއް ބޭއްވުމުގެ ހަ މަސް ދުވަސް ކުރިން ލިސްޓްކުރަން ޖެހެ އެވެ.

އެމްބީސީގެ ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން ގާއިމްކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ ހަރަކާތްތަކާއި ގައުމީ ކަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަން، ރައްޔިތުންނަށް އެކަށޭނެ ވަގުތުގައި ގެނެސްދެމުން ގެންދިއުމަކީ އެމްބީސީގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމުން ސާފު ޗެމްޕިއަންޝިޕްގެ ރައިޓްސް ގަނެގެން ގެނެސްދިނުމަށް ނިންމީ ކަމަށެވެ.

އެމްބީސީގެ ބަޔާނުގައި ބުނެފައި ވަނީ އެމްބީސީގެ ޗެނަލްތަކުން ސާފު ޗެމްޕިއަންޝިޕް އަގަކާ ނުލާ ބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ހައްގު އެކޯޕަރޭޝަނަށް ހޯދައިދިނުމުގައި ބްރޯޑްކާސްޓިންގް ކޮމިޝަނުން ނުކުޅެދިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޯޕަރޭޝަނާ ސުވާލު ކުރުމުން ބުނީ ފަހުން ގުޅުމަށެވެ.