28 Aug 2013, 12:18
ދ. ކުޑަހުވަދޫން: މުހައްމަދު ނަސީމް
ޒަމާނުއްސުރެ ރާއްޖޭން އެކްސްޕޯޓް ކުރަމުން އަންނަ އެންމެ މުހިއްމު އެއް އުފެއްދުމަކީ ހިކި މަހެވެ. އެއީ އެހެން ގައުމުތަކުގެ މީހުންނަށް ރާއްޖެ އިނގޭ އުފެއްދުމެވެ. "މޯލްޑިވްސް" އޭ ބުނީމައި "ޑްރައިޑް ފިޝް" އެ މީހުންގެ ހަނދާނަށް އާދެ އެވެ.
"ހިކިމަހުގެ ފެންވަރު ދަށޭ، އަގު ދަށް ވަނިއްޔޭ،" މިފަދަ އެތައް ވާހަކައެއް އެކްސްޕޯޓްކުރާ މީހުން ދައްކަ އެވެ. ކަމުގެ ހަގީގަތް ނޭނގޭ މީހުން އެކަން ގަބޫލުކޮށްފާނެ އެވެ. ނަމަވެސް މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ދ. ކުޑަހުވަދޫ ވައިލެޓް މާގޭ އަހުމަދު ފާއިޒު އެވާހަކައެއް ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނާ ގޮތުގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރާ އޭނާ ފަދަ އެތައް ބަޔަކު ވެސް އެވާހަކަ ގަބޫލެއް ނުކުރާނެ އެވެ.
"މިމަސައްކަތުގައި އޮތް އެންމެ ބޮޑު ދައްޗަކީ، މަސް ގަނެ އެކްސްޕޯޓްކުރާ މީހުން ހަދާ މަކަރު، ފައިސާ ނުދީ އެތައް ދުވަހެއް ވަންދެން ތިބެދާނެ، އަގުވެސް ކުއްލި ކުއްލިއަށް ވަށްޓާލާނެ،" ވަރަށް ބޮޑެތި ގެލުންތައް ބައެއް ފަހަރު އެބަވޭ،" މަސް ހިއްކުމުގެ މަސައްކަތް ކުރުމަށް އޭނާ ގާއިމްކޮށްފައިވާ ފެކްޓްރީގެ ތެރޭގައި ހުރެ ފާއިޒް ބުންޏެވެ.
މަސް ކައްކައި ހިއްކުމުގެ މަސައްކަތް ފާއިޒު ފުރަތަމަ ފެށީ ދޯންޏަކުން ދަރަންޏަށް ރޯމަސް ހޯދައިގެންނެވެ. ރޯމަސް ގަނެގެން ވިއްކުން އަތޮޅުތަކުގައި އޮންނަނީ އެފަދަ ގޮތަކަށެވެ. ގަންނަ ރޯމަހުގެ އަގު މަސްވެރިންނަށް ދޭން ޖެހެނީ އެ ކައްކައި، ހިއްކައިގެން ހިކިމަހުގެ ގޮތުގައި މާލެ ގެންގޮސް ވިއްކައި އަގު ލިބުމުންނެވެ.
"މަސް ގަންނަ އިރު ވަގުތުން އަގު ދޭކަށް ނުޖެހޭ، މަސްވެރިންނާ އަހަރެމެންނާ ދެމެދު ރަނގަޅު އިތުބާރެއް އޮވޭ، އެމީހުން ގަބޫލުކުރޭ އަގު ދެވޭނީ ހިއްކައި، ވިއްކައިގެން ކަން، އަހަރެން އެންމެ ފުރަތަމަ ފެށީ އެގޮތަށް، ދެން ފުރަތަމަ ޝިޕްމަންޓް ވިއްކާފައި ލިބުނު ފައިދާ އިން މަސްކައްކާނެ އިތުރު ތަނެއް އެޅީ. އަށިގަނޑު ވެސް އިތުރު ކުރީ، މިހާރު ތިޔަ ފެންނަ ފެކްޓްރީ އަކީ އެގޮތަށް ކުރި މަސައްކަތުގެ ނަތީޖާ،" ފާއިޒު ބުންޏެވެ.
ފާއިޒު، ރަށުގެ މީހުން ކިއްޔާ ގޮތުން ނަމަ "ފައްޅި"ގެ ހިކިމަސް ފެކްޓްރީ އަކީ މިހާރު ރަނގަޅު ފެކްޓްރީ އެކެވެ. އެތާގައި މިހާރު އެއްދުވަހާ 14 ޓަނުގެ މަސް ކެއްކެއެވެ. ނަމަވެސް އެ މައްސަކަތް އަދި ވެސް އޮތީ ނުރައްކަލުގެ ތެރޭގަ އެވެ. ކޮންމެ ހިނދެއްގައި ވެސް ހުއްޓާލަން ޖެހޭ ހާލަތުގަ އެވެ.
"އެހެރީ ވެސް ރަނގަޅަށް މަސައްކަތް ކުރި ބައެއްގެ ތަނެއް، އެތަން މިހާރު އެހެރީ ހުއްޓާލަން ޖެހިފައި،" ފާއިޒްގެ ފެކްޓްރީއާ ޖެހިގެން ހުރި، މިހާރު މަސައްކަތް ހުއްޓިފައިވާ ފެކްޓްރީއަކަށް އިޝާރާތްކުރަމުން އޭނާ ބުންޏެވެ.
ކުޑަހުވަދޫގެ ބިމުގައި ޖާގަ އެބަ އޮތެވެ. މިރަށުން ދަރުވެސް އަގު ހެޔޮކޮށް ލިބެ އެވެ. ގަންނަން ރޯމަސް ވެސް ލިބެ އެވެ. ރަށު ދޯނި ފަހަރުގެ އިތުރުން އެހެން ރަށްރަށުން ވެސް މަސްދޯނި ފަހަރު އާދެ އެވެ. އެހުރިހާ ކަމެއް ވެސް ހުރީ ފަހިކޮށެވެ. ހަމަ އެކަނި މައްސަލައަކީ މަހުގެ އަގު ނުހިފެހެއްޓުމެވެ.
"ރޯމަސް ގަންނަނީ ކުރިން އެންމެ ފަހުން ބޭރުކުރި ހިކިމަސް ޝިޕްމަންޓަށް ލިބުނު އަގަށް ބަލާފައި، އެހެން ނޫނަސް ގަންނަން ޖެހެނީ ވާދަވެރި މާކެޓެއްގައި ނީލަމުން، އެހެންވެ ރަނގަޅު އަގެއް ދީގެން ގަނެވެނީ، ދެން އެ ގަތް މަސްކޮޅު ހިއްކުމަށް ހަތަރު ފަސް ދުވަސް ނޫނީ ހަފުތާއެއް އެބަ ވޭ، އެދުވަސް ކޮޅުގެ ތެރޭގައި ހިކިމަހުގެ އަގަށް އެބަ ބަދަލު އާދޭ،" ފާއިޒު ބުންޏެވެ.
އޭނާ ބުނީ އެކަމުގެ ސަބަބުން ބައެއް ފަހަރު 200 ނޫނީ 300 ޕަސެންޓްގެ ގެއްލުން ވެފައި އެބަ ހުރި ކަމަށެވެ.
ނަމަވެސް އޭނާ އެމަސައްކަތް ދޫނުކޮށް ކުރަނީ އެއީ ފައިދާވާ ފަހަރުގައި ވަރަށް ބޮޑު ފައިދާއެއް ވާ މަސައްކަތެއް ވީމައެވެ. އަދި އެއީ އޭނާ ވަރަށް ކުރާ ހިތްވާ މަސައްކަތަކަށް ވެސް ވާތީ އެވެ.
"ރިސްކް ބޮޑަސް، މީ ވަރަށް ފައިދާ ވެސްވާ މަސައްކަތެއް، އެއް ފަހަރަކު ލިބުނު އެންމެ ރެއަކު ކެއްކި މަހުން 100،000 އަށް ވުރެ ގިނަ ރުފިޔާ، އެއީ ހުރިހާ ހަރަދެއް ކަނޑާފައި ފައިދާގެ ގޮތުގައި،" އޭނާ ބުންޏެވެ.
ކިތަންމެ ފައިދާއެއް ވިޔަސް، ގެއްލުންވާ ފަހަރުތަކުގައި އެކަމުން އަރައި ގަންނާނެ ގޮތެއް ނުފެންނަ ނަމަ އެކަމެއް ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވޭނެ އެވެ. ބޭނުން ވިޔަސް ޖެހޭނީ ހުއްޓާލާށެވެ.
"ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތެއް އަހަރެމެންނަކަށް ނޭނގޭ، ހިކިމަސް ހިފައިގެން މާލެ ނުދަނީސް އަގުތައް އިނގޭނެ ގޮތެއް ނޯވޭ، މި ކަމުގައި ސަރުކާރުން އަޅާލަން ޖެހޭ، ސަރުކާރުގެ އެހީ ތެރިކަމެއް ނެތި މިކަމެއް ނުވާނެ،" ފާއިޒު ބުންޏެވެ.
ފާއިޒު އެބުނީ ރަނގަޅު ވާހަކައެކެވެ. ރާއްޖޭގެ އިގުތިސާދީ މައިނާރުގެ ގޮތުގައި ޒަމާނުއްސުރެ އޮތް މަސްވެރިކަމުގެ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ބޭނުމެވެ. އެކަން އޮންނަން ޖެހޭނީ ހަމަ އެކަނި މަހަށް ފުރާ މީހާއާ ހިސާބުގައެއް ނޫނެވެ. ނުވަތަ ހަމަ އެކަނި ދަޅުގައި މަސް ބަންދުކުރާ މީހުންނާ ހިސާބުގައެއް ވެސް ނޫނެވެ. ފާއިޒު ފަދައިން މަސް ކައްކައި ހިއްކާ މީހުންނާ ހިސާބަށް ވެސް އެހީތެރިކަން ބޭނުންވެއެވެ. އެމީހުން ބޭނުންވަނީ ސަބްސިޑީއެއް ނޫނެވެ. ބާޒާރުގެ އަގުތައް ބެލުން ފަދަ ޓެކްނިކަލް އެހީއެވެ.
އެހެންނޫނީ އެ މަސައްކަތް ޖެހޭނީ ހުއްޓާލާށެވެ.