މަޖީދި މަގު އެލް މޯބައިލް ކައިރިން ތިން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކެއްގެ ފައި ދެ ތަނުން ބިނދި އިތުރު ދެ މީހަކު ޒަހަމް ވެއްޖެ އެވެ.


ހޮސްޕިޓަލުގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ އެކްސިޑެންޓްގައި ވާތުފައި ދެ ތަނަކުން ބިންދައިގެން ގޮސްފައި ވަނީ މުހައްމަދު ޒައީމް 30، ކަމަށެވެ. އޭނާއަކީ މާލޭގެ ރައްވެއްސެއް ކަމަށާއި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.


އެ އޮފިޝަލު ވިދާޅުވީ ދެ ވަނަ މީހާގެ މެމޯ ހައްދާފައި ނުވާތީ އެއީ ކާކުކަން ނޭނގޭ ކަމަށާއި އޭނާ ވެސް ބޮލާއި ނިއްކުރި އާއި ހަށިގަނޑުގެ އެކިތަންތަން ޒަހަމްވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި ތިން ވަނަ މީހަކު ގެންގޮސްފައިވާ ކަމެއް އައިޖީއެމްއެޗަކުން ނުބުނެ އެވެ.


"ފައި ދެ ތަނުން ބިނދި ބޮލަށް ގެއްލުން ލިބުނު މީހާ ސީޓީ ސްކޭން ހަދަން ތައްޔާރުވަމުން އެބަދޭ،" އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުން ބުނީ މިއަދު 5:00 ޖަހާއެހާ ކަންހާއިރު މަޖީދީ މަގުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެކްސެންޑް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


އައިޖީއެމްއެޗްގައި ހުރި މީހަކު ބުނީ އެކްސިޑެންޓުގައި ޒަހަމްވެގެން ތިން މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެމީހުން ހޮސްޕިޓަލަށް ގެނައީ ޕިކަޕެއްގައި  ކަމަށެވެ.


މަޖީދީމަގުގައި މިއަދު އެކްސިޑެންޓް ޒަހަމްވި މީހުން ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ މީހަކު ވެސް ބުނީ އެކްސިޑެންޓްގައި ތިން މީހަކު ޒަހަމްވި ކަމަށާއި  ތިން މީހުންނަކީ ވެސް ފިރިހެނުން ކަމަށެވެ. ނަމަވެސް ތިންވަނަ މީހާއަކީ ކާކު ކަމެއް ވެސް ލިބުނު އަނިޔާތައް ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.



(މި އެކްސިޑެންޓްގެ ފޮޓޯ ލިބިފައިވާ ފަރާތްތަކުން 2747 އަށް އެމްއެމްއެސް ކޮށްދެއްވުން އެދެން)