ރިޔާސީ އިންތިޙާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އެކިއެކި ސިޔާސީ ޕާޓީތަކުން މާލޭގެ މަގުތަކުގައި ދަމާފައިވާ ދިދަތަކެއް ކަނޑަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ކުޑަކުއްޖަކާ އެކު ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރޭ ދަންވަރު ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަަމަަށެވެ.

އެ ތިން މީހުންގެ ތެރެއިން 31 އަހަރުގެ މީހާ އާއި 17 އަހަރުގެ ކުޑަކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މަޖީދީމަގު ޒިކުރާ މިސްކިތް ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އަދި 20 އަހަރުގެ މިހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހެންވޭރު ދަނޑު ކައިރިންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ރެކޯޑާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން އަމުރަށް ނުކިޔަމަންތެރި ވުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ހިމެނެ އެވެ.

މާލޭގެ މަގުތަކުގައި ދަމާފައި ހުރި ދިދަ ފަތިތައް ކެނޑި މި މައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުުހުން ބުންޏެވެ.