ނެޝަނަލް ބިއުރޯއޮފް ކުލެފިކޭޝަންގެ އެއާކޮންޑިޝަންތައް ހަލާކުވުމުގެ ސަބަބުން އެ އިދާރާގެ މަސައްކަތްތައް ހުއްޓާލައިފި އެވެ.

އެ އިދާރާގެ އޮފިޝަލަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ އިދާރާގެ އޭސީތައް ހަލާކުވެ "ހޫނުގައި" މަސައްކަތް ކުރާތާ ދެ މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެކި ފަހަރު މަތިން މަސައްކަތް ކޮށްވެސް އެކަމަށް ހައްލެއް ނުލިބުމުން ހައްލެއް ލިބެންދެން އެއިދަރާގެ މުއައްޒިފުން މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"މުޅިން ހޫނުގައި މިއޮށް ހުރިހާ ދުވަހު މި މަސައްކަތް ކުރީ، ދެން މިއަދު މަސައްކަތް މިހުއްޓާލީ އަލިމަގެއް ފެންނަންދެން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މުއައްޒިފުންގެ ޑިމާންޑަކީ ވީހާ ވެސް އަވަހަކަށް އެކަން ހައްލުކޮށްދިނުން ކަމަށެވެ.

ބިއުރޯއޮފް ކުލެފިކޭޝަންގެ އޭސީތައް ހަލާކުވެ މަސައްކަތް ހުއްޓާލާފައިވާ އިރު މިދޭތެރެއަކުން ޓޫރިޒަމް މިނިސްޓްރީ އާއި އައިޑީކާޑް ޔުނިޓްއިން ވެސް ވަނީ އެ މައްސަލަ ދިމާވެ ވަގުތީ ގޮތުން ހިދުމަތް ދިނުން ހުއްޓާލާފަ އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އިން ވެސް ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަރަންޓް ކެނޑި އެ އިދާރާގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.