28 Aug 2013, 10:58
މިއުޒިކީ ދުނިޔޭގެ މައުލޫމާތާއި ހަބަރު ގެނެސްދޭ މަޝްހޫރު ޓީވީ ޗެނެލެއް ކަމަށްވާ އެމްޓީވީން ލަވަ ކިޔުންތެރިންނަށް އަމާޒުކޮށްގެން ދެމުން އަންނަ އެވޯޑުގެ އަހަރުގެ ތަރިއަކަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއާ ޖަސްޓިން ޓިންބާލޭކު ހޮވިއްޖެ އެވެ.
އެމްޓީވީގެ 30 ވަނަ މިއުޒިކު އެވޯޑު ދިނުމަށް ނިއުޔޯކުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓިންބާލޭކުއަށް އަހަރުގެ ތަރި ލިބުނީ އޭނާ ކާމިޔާބު ކުރި ހަތަރު އެވޯޑާ އެކުގަ އެވެ.
ޓިންބާލޭކަށް ވަނީ އޭނާ މިއަހަރު ނެރުނު "20/20 އެކްސްޕީރިއްސް" އަލްބަމުގައި ހިމެނޭ "މިރާރސް" އަށް އަހަރުގެ އެންމެ މޮޅު ވީޑިއޯގެ އެވޯޑާއި އެންމެ މޮޅު އެޑިޓިންގެ އެވޯޑް ލިބިފަ އެވެ. އަދި ހަމަ އެ އަލްބަމަށް ޓިންބާލޭކު ކިޔާފައިވާ "ސޫޓް އެންޑް ޓައި" ގެ ލަވައަށް ވަނީ އެންމެ މޮޅު ޑައިރެކްޓާގެ އެވޯޑު ވެސް ލިބިފަ އެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ޓިންބާ ލޭކަށްވަނީ އެމްޓީވީންދޭ ލައިފް ޓައިމު އެޗީވްމަންޓް އެވޯޑު، "މައިކަލު ޖެކްސަން ވީޑިއޯ ވެންގާޑް އެވޯޑު" ވެސް ލިބިފަ އެވެ. މި އެވޯޑު އެންމެ ފަހުން 2011 ވަނަ އަހަރު ލިބިފައިވަނީ އެމްޓީވީ މިއުޒިކު އެވޯޑު ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ ބްރިޓްނީ ސްޕިއާސް އަށެވެ.
ޕޮޕް ސްޓާ ކެޓީ ޕެރީސް، ލޭޑީ ގާގާ، ވިލް ސްމިތު، ކެންޔާ ވެސްޓް އަދި ރިހާނާ ފަދަ މަޝްހޫރު މިއުޒިކު ފަންނާނުން ބައިވެރިވި މި ކުލަ ގަދަ ހަފުލާގައި މަޝްހޫރުވަމުން އަންނަ ޒުވާން ލަވަކިޔުންތެރިކަމަށްވާ ބްރޫނޯ މާސްއަށާއި ސެލިނާ ގޮމޭޒް އަދި ޓޭލާ ސްވިފްޓަށް ވެސް ވަނީ އެކި ދާއިރާއިން އެވޯޑު ލިބިފަ އެވެ.
އެގޮތުން ޓޭލާ ސްވިފްޓް ކިޔާފައިވާ "އައި ނިއު ޔޫ ވާ ޓްރަބުލް" ގެ ލަވައަށް އެންމެ މޮޅު އަންހެން ވީޑިއޯގެ އެވޯޑު ލިބިފައިވާއިރު އެންމެ މޮޅު ފިރިހެން ވީޑިއޯގެ އެވޯޑު ލިބިފައި ވަނީ ބްރޫނޯސް މާސްގެ "ލޮކް އައުޓް އޮފް ހެވަން" އަށެވެ. މި އެވޯޑުގެ އިތުރުން ބުރޫނޯ މާސްއަށް ވަނީ އޭނާގެ ލަވަ "ޓްރެޝާ"އަށް އެންމެ މޮޅު ކުރޮއޮގްރަފީ ގެ އެވޯޑު ވެސް ލިބިފަ އެވެ.
ޖުމްލަ 17 އެވޯޑެއް ދިން އެ ހަފްލާގައި ސެލީނާ ގޮމޭޒުގެ "ކަމް އެންޑް ގެޓް އިޓް" ގެލަވައަށް ބެސްޓް ޕޮޕް ވީޑިއޯގެ އެވޯޑު ލިބިފައިވާއިރު ސަމާގެ އެންމެ މޮޅު ލަވައަކަށް ހޮވިފައި ވަނީ ވަން ޑައިރެކްޝަންގެ "ބެސްޓް ސޯންގް އެވާ" އެވެ.
އޮސްކާ ފޮ ޔޫތުގެ ނަމުން މަޝްހޫރުވެފައިވާ އެމްޓީވީ މިއުޒިކު އެވޯޑްސް އަކީ 1984 ވަނަ އަހަރުން ފެށިގެން ޒުވާން މިއުޒިކު ފަންނާނުންނަށް ދެމުން އަންނަ އެވޯޑެކެވެ. އެގޮތުން އެމްޓީވީން އަންނަނީ ފިލުމު ތަކަށް ވެސް ހާއްސަ ކޮށްގެން އެމްޓީވީ މޫވީ އެވޯޑުގެ ނަމުގައި އެވޯޑެއް ވެސް ދެމުންނެވެ.