ދިމިޝްޤު (އޮގަސްޓް 28): ސީރިޔާ ސިފައިން ދިމިޝްޤުގެ ޣޫތާ ސަރަހައްދަށް ކެމިކަލް ހަތިޔާރުން ޙަމަލާދިން ކަމަށް ބުނެ ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި އެފަރާތްތަކަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ދައްކާ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ކަމަށާ މިއީ ސީރިޔާ އަށް އުދުވާނީ ޙަމަލާތަކެއް ދިނުމަށް ދައްކާ ބަހަނާއެއް ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ވަލީދުލް މުޢައްލިމް ވިދާޅުވެއްޖެ އެވެ.

ދިމިޝްޤުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވަލީދުލް މުޢައްލިމް ވިދާޅުވީ ހުޅަނގުން ހަމަލާދީފި ނަމަ ސީރިޔާ އިން އަމިއްލަ ނަފްސު ދިފާޢުކުރާނެ ކަމަށާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ކުރިމަތީގައި ފަހަރެއްގައި ވެސް ސީރިޔާ ކުޑަކަކޫ ނުޖަހާނެ ކަމުގަ އެވެ. ސީރިޔާ އަށް އަރައިގަތުމަކީ ޢިރާޤަށް އަރައި ޢިރާޤު ހަލާކުކޮށްލުމަށް ފަހު ހުޅަނގުން ރާވާފައިވާ އެންމެ ބޮޑު ރޭވުން ކަމަށާ ސީރިޔާއަށް ފަހު ހުޅަނގުގެ އަމާޒަކީ އީރާން ކަމަށް ވެސް މުޢައްލިމް ވިދާޅުވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޢިރާޤަށް އެމެރިކާ ސިފައިން އަރައިގަތީ ވެސް އެގައުމުގައި ކެމިކަލް ހަތިޔާރު ހުރިކަމަށްބުނެ ދޮގުހެދުމަށްފަހުގައި ކަމަށް މުޢައްލިމް ވިދާޅުވި އެވެ.

ދިމިޝްޤުގެ ޣޫތާ ސަރަހައްދަށް ސީރިޔާ ސިފައިން ދިން ކެމިކަލް ޙަމަލާއެއްގައި 1300 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ބުނެ އެކަމާ ބެހޭ ވީޑިޔޯތަކާއި ފޮޓޯތައް އާންމު ކުރުމުން އދ. ންވަނީ މިކަމާބެހޭ ޚާއްސަ ތަޙްޤީޤެއް ފަށާފަ އެވެ.

މިޙަމަލާދިންކަން މުސްތަޤިލު ފަރާތަކުން ކަށަވަރުކޮށް ދީފައިނުވިނަމަވެސް ސީރިޔާ ސިފައިންނަކީ މިފަދަ ޙަމަލާއެއް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ބައެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިން ބެލަސްޓިކް މިސައިލް ފަދަ ބަރުހަތިޔާރު ވެސް އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ބޭނުންކުރަމުން ގެންދާތީ އިދިކޮޅު ހަނގުރާމަވެރިންނަށް އަމާޒުކޮށް ކެމިކަލް ޙަމަލާއެއް ވެސް ދޭން ބައްޝާރުގެ ލަޝްކަރުތަކުން ފަސްނުޖެހޭނެ ކަމަށް ގިނަފަރާތްތަކަކުން ދެކެ އެވެ. ނަމަވެސް ސީރިޔާ ސިފައިންދިން ކަމަށްބުނެވޭ ކެމިކަލް ހަތިޔާރުގެ ޙަމަލާ އަމާޒުކޮށްފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިއޮތް ޣޫތާ ސަރަހައްދުގެ އާންމުންނަށް ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެ އެވެ.

ސީރިޔާ ސިފައިން މިފަދަ ޙަމަލާއެއް އިދިކޮޅު ހަނގުރާމަވެރިންނަށް ނުދީ އާންމުންނަށް ދީފައިވަނީ އޮޅުވާލުމުގެ ގޮތުންނާއި ހަނގުރާމަވެރިންނަށް ތާއީދުކުރާ އާންމުންނާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ހަނގުރާމަވެރިން ބުނެ އެވެ. ސީރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ޙަމަލާތަކަކުން ސީރިޔާގެ ސިފައިން ބަލިކޮށް ނުލެވޭނެ ކަމަށާ ސީރިޔާ ސަރުކާރު ވެސް ވައްޓާނުލެވޭނެ ކަމުގައެވެ. އަދި ހުޅަނގުގެ އުދުވާނީ ހަމަލާތަކާ ސީރިޔާ ސިފައިންނާއި ރައްޔިތުން ކެރިގެން ކުރިމަތިލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސީރިޔާއަށް ޙަމަލާދިނުމަށް ހުޅަނގުން ތައްޔާރުވަމުންދާތީ ސީރިޔާގެ ދިފާއުގައި އީރާނާއި ޗައިނާއާއި ރަޝިޔާ ވަނީ އެމެރިކާ އަށާއި ޔޫރަޕްގެ ބާރުތަކަށް އިންޒާރު ދީފަ އެވެ. ނަމަވެސް އެއްވެސް ޙާލަތެއްގައި ސީރިޔާގެ ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް މިތިން ގައުމުން ބުނެ އެވެ. (ނޫސްއެޖެންސީތައް)