ފާސްޓް އެންޑް ފިއުރިއަސް އިން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ތަރި ވިން ޑީސެލަށް ހޮލީވުޑުންގެ ވޯކް އޮފް ފޭމުން ތަރިއެއް ދީފި އެވެ.

ހޮލީވުޑްގެ ޗެންބާ އޮފް ކޮމާސްގެ ބެލުމުގެ ދަށުން ހޮލީވުޑްގެ ފިލްމު އިންޑަސްޓަރީގައި މަސައްކަތްކުރާ ފަންނާނުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ހާއްސަ ހަނދާނީ ތަރިތަކެއް އެކުލެވޭ ހޮލީވުޑް ވޯކް އޮފް ފޭމުން ޑީސެލްއަށް ތަރި ލިބިފައި ވަނީ އިއްޔެ ކެލިފޯނިއާގައި ބޭއްވި ހަފްލާއެއްގަ އެވެ. ޑީސެލްއަށް ދީފައި ވަނީ 2504 ވަނަ ތަރި އެވެ.

މި ހަފްލާގައި ޑީސެލްއާއި އެކު ފާސް އެންޑް ފިއުރިއަސްގެ ތަރިން ކަމަށްވާ މައިކަލް ރޮޑްރިގޭޒް އާއި ޖޯޑަން ބިރިއުސްޓޯ އާއި ޕައުލް ފޯކާ ވަނީ ބައިވެރިވެފަ އެވެ.

ނިއުޔޯކަށް އުފަން، 46 އަހަރުގެ ޑީސެލް އެންމެ ފުރަތަމަ ފެނިފައި ވަނީ 1990 ވަނަ އަހަރު ޑްރާމާ، "އަވޭކަނިން" އިންނެވެ. އެއަށްފަހު ޑީސެލް ވަނީ ފަސް އަހަރު ފަހުން އޭނާ އަމިއްލައަށް ޑައިރެކްޓުކޮށް ލިޔެ ޕްރޮޑިއުސްކޮށްފައިވާ ފިލްމު، "މަލްޓި ފޭޝިއަލް" އިން އާއްމުންގެ މަގްބޫލުކަން ހޯދާފަ އެވެ.

އެގޮތުން ޑީސެލްއަށްވަނީ ފިލްމު އުފައްދާ މަޝްހޫރު ސްޓޫޑިއޯ އެއްކަމަށްވާ "ޑްރީމް ވޯކްސް"ގެ ކޯ ފައުންޑާ އަދި ޑައިރެކްޓަރުންގެ ތެރެއިން އެކަޑަމީ އެވޯޑް ހޯދާފައިވާ ސްޓީވަން ސްޕިލް ބާގްގެ ފިލްމް "ސޭވިން ޕްރައިވެޓް ރިޔާން" އިން 1998 ވަނަ އަހަރު ފުރުސަތު ލިބިފަ އެވެ.

އޭގެފަހުން ޑީސެލް ވަނީ 2000 ވަނަ އަހަރު "ބޮއިލާ ރޫމް" އަދި "ޕިޗް ބްލެކް" ފަދަ ފިލްމްތަކުން ފެނިފަ އެވެ.

ތިން ފަހަރު އެމްޓީވީ މޫވީ އެވޯޑް ހާސިލުކޮށްފައިވާ އަދި މިހާރު ތިން ޕްރޮޑަކްޝަން ކޮމްޕެނީގެ ކޯ ފައުންޑަރު ވިން ޑީސެލް ދެން އެންމެ އަވަހަށް ފެންނާނީ ސެޕްޓަންބަރު މަހުގައި ނުކުންނަ "ރިޑިކް" ގެ ސިލްސިލާގެ ފިލްމުންނެވެ. އަދި މިއަންނަ އަހަރުގެ ޖުލައި މަހު ރިލީސް ކުރުމަށް ހަމަޖެހިފައިވާ ފާސްޓް އެންޑް ފިއުރިއަސްގެ ހަތްވަނަ ބައިގައި ވެސް ޑީސަލް ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.