28 Aug 2013, 10:33
ސްރީ ލަންކާގެ ފުލުހުންގެ މަސައްކަތުގައި ގެންގުޅުނު ކުއްތާތަކެއް "ކައިވެނި ކުރުވި" މައްސަލަ އެގައުމުގެ ސަގާފަތާ ބެހޭ ވުޒާރާ އިން ކުށްވެރިކޮށްފި އެވެ.
ސްރީ ލަންކާގައި ސަގާފީ ގޮތުން ކައިވެނި ކުރާ ގޮތަށް، އެގައުމުގެ ފުލުހުން ވަނީ 18 ކުއްތާއެއްގެ "ކައިވެނިކުރުވާފަ" އެވެ.
އެ"ކައިވެނިތަކުގެ" ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެގެން ގޮސްފައިވާ އިރު، ފޮޓޯތަކުން ފެންނަނީ ކުޑަ ޕްލެޓްފޯމެއްގެ މަތީގައި ކުއްތާތައް ބައިތިއްބައިގެން "ކައިވެނި ކުރުވާ" މަންޒަރެވެ. އަންހެން ކުއްތާތައް ޝޯލް އަދި ތޮފި އަޅާފައިވާ އިރު ފިރިހެން ކުއްތާތައް ތިބެނީ ޓައީ އަޅުވާފަ އެވެ.
ސްރީ ލަންކާގެ ސަގާފަތާ ބެހޭ ވަޒީރު ޓީބީ އިކަނަޔަކޭ ވިދާޅުވީ ސަގާފީ ގޮތުން އަދި ދީނީ ގޮތުން ވެސް ސިންގަޅައިންގެ މީހުން ކައިވެނިކުރާ ގޮތަށް ކުއްތާތަކެއްގެ ކައިވެނިކުރުމުން އެސަގާފަތްތަކުގެ އަގު ވެއްޓި، އެއަށް ހަޖޫ ޖަހާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ ކުއްތާތައް ކައިވެނިކުރުވީ އެގައުމުގައި މިހާރު ފަށާފައިވާ ޕޮލިސް ޑޯގްސް ބްރީޑިންގް ޕްރޮގްރާމަށް މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. ފުލުހުން ބުނީ 2011 ވަނަ އަހަރު އެގައުމުން 70 މިލިއަން ސްރީ ލަންކާ ރުޕީސް (226،000 އެމެރިކާ ޑޮލަރު) ހަރަދުކޮށްގެން ނެދަލެންޑްސް އިން ޕޮލިސް ޑޯގްސް ގަނެފައިވާ ކަމަށެވެ.
އަދި މިހާރު ސްރީ ލަންކާގައި ޕޮލިސް ޑޯގްސް ވިއްސަން ފެށުމުން އެހަރަދުތައް ސަލާމަތްވާނެ ކަމަށާއި "ކައިވެނި ކުރުވުމަކީ" އެކަމަށް އާއްމުންގެ ސަމާލުކަން ހޯދަން ކުރި ކަމެއް ކަމަށް ފުލުހުންގެ ބަޔާނެއްގައި ބުނެފައިވެ އެވެ.