28 Aug 2013, 10:09
ފަހުގެ އަހަރުތަކުގެ ދައުލަތުގެ އިދާރާތަކާ ބެހޭ އޮޑިޓް ރިޕޯޓްތައް ނުނެރެވެނީ އޭގެ ކުރީ އަހަރުތަކުގައި އެ އިދާރާތައް ހިންގާފައިވާ ގޮތުގެ އޮޑިޓް ރިޕޯޓްތައް އަދި ނުނިމޭތީ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އިއްޔެ "ސަން" އަށް ވިދާޅުވީ ފަހުގެ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ގިނަ އޮޑިޓް ރިޕޯޓްތަކެއް ނިމިފައި ހުރި ކަމަށާއި ނަމަވެސް އެ އިދާރާތަކުގެ އޭގެ ކުރީ އަހަރުގެ އޮޑިޓް ރިޕޯޓްތައް ނުނިމޭތީ ފަހުގެ އޮޑިޓް ރިޕޯޓްތައް ނުނެރިވިވާ ކަމަށެވެ.
"ދެހާސް ބާރަ ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން 16 ރިޕޯޓެއްގެ މަސައްކަތް ނިމުމުގެ މަރުހަލާގައި މަސައްކަތް ކުރަމުން މިދަނީ، އަދި 2011 އެގާރަ ވަނަ އަހަރުގެ ބައެއް ރިޕޯޓްތައް އަޅުގަނޑުމެނަށް އިޝޫ ނުކުރެވޭ ކަމުގައިވާ ނަމަ، މިސާލަކަށް ދަންނަވާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2011 ވަނަ އަހަރުގެ ރިޕޯޓް އަދި ވެސް އަޅުގަނޑުމެނަށް ނިންމާ ނުލެވިގެން މިއުޅެނީ. ނަމަވެސް 2012 ވަނަ އަހަރު ރިޕޯޓް އޮތީ ނިމިފައި، ދެން ކިހިނެއްތޯ ފައިނަލައިޒް ކުރާނީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބްގެ ކުރިން ދެން އޮޑިޓް ރިޕޯޓެއް ފެނިގެންދާނެތޯ ސުވާލުކުރުމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ "އެއީ އެކަށީގެންވާ ކަމެއް، ދެން ރިޔާސީ އިންތިހާބުގެ ކުރިން ނުނެރެވިއްޖެއްޔާ މި އަހަރުގެ ތެރޭގައި ހަމަގައިމު ވެސް ނެރެވޭނެ،" ކަމަށެވެ.
އޮޑިޓާ ޖެނަރަލް އޮފީހުގެ މަސައްކަތްތައް ލަސްވެ، އެ އޮފީހުގެ ޕާފޯމެންސާ މެދު މާލިއްޔަތު ކޮމެޓީގެ މެންބަރުން ސުވާލު އުފައްދައި އޮޑިޓާ ޖެނަރަލް ކޮމެޓީ އަށް ހާޒިރު ކުރުމުން ވިދާޅުވީ "ހިތްހަމަޖެހޭ މިންވަރާ ގާތަށް ވެސް" އޮޑިޓް އޮފީހުގެ ޕާފޯމެންސެއް ނުދެއްކޭ ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް އޮފީހުގެ ޕާފޯމަންސް ރަނގަޅު ކުރުން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި "އޯވަ ނައިޓަކުން" މުއައްސަސާއެއް ނަގާ ކޮޅަށް ނުޖެއްސޭނެ ކަމަށެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ނަމަ ކޮންމެ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ވޭތުވެ ދިޔަ އަހަރު ދައުލަތުގެ މުއައްސަސާތައް ހިންގާފައިވާ ގޮތާ ބެހޭ އޮޑިޓް ރިޕޯޓްތައް ނެރެ އާންމުކުރަންޖެހެ އެވެ. ނަމަވެސް 2012 ވަނަ އަހަރު ނިމި ހަތް މަސް ފާއިތުވެގެންދާ އިރު ވެސް ސަރުކާރުގެ އިދާރާއަކާ ގުޅޭ ގޮތުން މިހާރު ނުކުމެފައި ވަނީ އެންމެ އޮޑިޓް ރިޕޯޓްއެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގެ ބައެއް އޮޑިޓް ރިޕޯޓްތައް އަދިވެސް ނުނިކުމެ އެބަހުއްޓެވެ.