"އާދެ ސްމާޓް ބޯޑު. އާދެ އެލްއީޑީ، އެޗްޑީ، ތްރީޑީ ޓީވީ. އޭގެ އިތުރަށް ލެޕްޓޮޕް. އޭގެ އިތުރަށް ކޮމްޕިއުޓާ ސިސްޓަމް. އެހެންގޮސް އެބޭފުޅުން ވިދާޅުވިއްޔާ ވިދާޅުވި ހުރިހާ އެއްޗެއް ދިނުމަށް އަޅުގަނޑު ވަނީ ނިންމާފައި،" އިންތިހާބަށް ދެ ހަފްތާ އަށް ވެފައިވަނިކޮށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވުމުން ލިބުނީ ހައިރާ ކަމެކެވެ.

ފުވައްމުލަކު މެދު ދާއިރާގެ ޖުމްހޫރީ ކޯލިޝަންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި އެ ވާހަކަފުޅާ ގުޅިގެން ކުށްހީތައް ކަށަވަރުވި އެވެ. ވަހުމުންތައް ހަގީގަތެއްކަން އެނގުނެވެ. ރިޝްވަތު ދޭ ކަމަށް ބުނެ، ކުރިން ވާހަކަ ދައްކަނީ "ތުންތުން މަތިން"ނެވެ. އެހީގެ ނަމުގައި ކޮންމެ އެއްޗެއް ގާސިމް ދިޔަނަސް މިހާރު އެ ވާނީ ވޯޓަށް އެޅޭ ހުރަހަކަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ގާސިމް އިބްރާހިމަކީ އިޖުތިމާއީ ގޮތުން ގިނަ އެހީތަކެއް މިހާތަނަށް ވެދެއްވާފައިވާ ބޭފުޅެކެވެ. އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަނެއް ތިން ކެންޑިޑޭޓުންނަށް ވުރެ، ފައިސާ އިން "ހާސް ބައި" ތަފާތީ ގާސިމެވެ. ޝަކުވާއަކީ ގާސިމް ފަދަ މުއްސަންޖަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމެއް ނޫނެވެ. އިންތިހާބު ބޯމަތިވެފައިވަނިކޮށް ރަށްތަކަށް ވަޑައިގެން ސްކޫލުތަކަށް އެހީތައް ވަމުންދިއުމެވެ.

ފުވައްމުލަކު މެދު ދާއިރާގައި ޖުމްހޫރީ ކޯލިޝަންގެ ޖަގަހަ ހުޅުވުމަށް މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ އެކި ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ވިލާ ފައުންޑޭޝަނުގައި އެހީއަށް އެދިފައިވާ ތަންތަނަށް އެތަކެތި ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް "މިހާރު" ކުރިއަށްދާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅި ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ ގާސިމް މިހާރު މީހުނަށް ބަހަމުންދާ އެހީތަކަކީ ރިޝަވަތެއް ނުވޭ ހެއްޔޭ ބުނެ ކުރަމުންދާ ސުވާލެވެ. އެ ސުވާލުއުފައް ދަނީ ހަމައެކަނި އާންމުނެއް ވެސް ނޫނެވެ. ވާދަވެރި ކެންޑިޑޭޓުން ވެސް އެކަމުގައި ސިދާ ގޮތުން ދަނީ ވާހަކަ ދައްކަމުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވިދާޅު ވަނީ އިންތިހާބާއި ދިމާކޮށް މިހާރު ފެންނަމުންދާ އެއް މަންޒަރަކީ ފައިސާގެ ބޭނުންކޮށްގެން ނަފްސުތަކާއި ކުޅެމުންދާ މަންޒަރުކަމަށާއި ގާސިމް މިހާރު އެކި ފަރާތްތަކަށް ދެމުންދާ އެއްޗިއްސަކީ ރިޝްވަތުކަމުގައި އޭނާ ދެކިވަޑައިގަންވާ ކަމަށެވެ.

"ކީއްވެތޯ މި އިލެކްޝަން މޫސުމް އައުމުގެ ކުރިން އެކަންކަން ކޮށްނުދިނީ. ރައްޔިތުނަށް ބޭނުންވާ އެކަހަލަ ކަންކަން ބޭނުންވާނީ އިލެކްޝަނުގެ މޫސުމަކު އެކަންޏެއް ނޫން. އަޅުގަނޑުގެ ފޮތުގައި ވެއްޖެއްޔާ ގޯހެއް އެ ހައްދަވަނީ. ރައްޔިތުނަކަށް މިހާރަކު އެކަހަލަ އެއްޗިއްސެއް ނުދެވޭނެ. އިހްލާސްތެރިކަމާ އެކު މަސައްކަތްކުރާކަމުގައިވާ ނަމަ މި އިންތިހާބުން ނުކުންނަ ނަތީޖާއެއް ނުކުތީމަ ލެޕްޓޮޕްތަކާއި އެއްޗެހި ދެއްވަންވީ. އެއީ ގާނޫނުގައި ހަމަ ޖައްސާފައިވާ އުސޫލަކީ،" މިދިޔަ ހޯމަ ދުވަހުގޭ ޔާމިން ވިދާޅުވި އެވެ.

ގާސިމް ފަރާތުން ދެމުންދާ އެހީތަކަކީ ޖުމްހޫރީ ޕާޓީގެ ކެމްޕެއިނާއި ގުޅުން ހުރި އެއްޗެހި ނޫން ކަމަށް އެ ޕާޓީގެ ލީޑަޝިޕުން ދައްކަން އުޅުން ނަމަވެސް ރާއްޖެތެރޭގެ ރަށްތަށުގައި ތިބި ބައެއް ފަރާތްތަކުން އެ ވާހަކަތައް ދޮގުކުރެ އެވެ.

ގދ. ފަރެސްމާތޮޑާގެ ޕްރީ ސްކޫލަށް ގެންގޮސްފައި ހުރި ބައެއް ލައުޑް ސްޕީކަރުތަކަކީ ވިލާ ފައުންޑޭޝަނުން ވެފައިވާ އެހީތައް ކަމަށް ބުނި ނަމަވެސް އޭގައި ޖުމްހޫރީ ޕާޓީގެ ލޯގޯ ހިއްޕާފައި ވަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ފްޓް ބޯޅަ ކުޅުމަށް ކ. ގާފަރަށް ފޮނުވާފައި ހުރި ފޫޓްބޯޅަތަކީ ވެސް ދީލަތި އެހީ އެވެ. ނަމަވެސް މައްސަލައަކަށް ވަނީ އޭގައި ވެސް ހުރީ ޖުމްހޫރީ ޕާޓީގެ ލޯގޯ އެވެ.

އެފަދަ އެހީތައް ވެދެނީ އެހެން ނޫނަސް ވެދެއްވާ އުސޫލުން ކަމަށް ޖުމްހޫރީ ޕާޓީން ބުނި ނަމަވެސް ބައެއް ރަށްރަށަށް މީގެ ކުރިން ނުދޭ އެހީތައް ލިބެނީ ހަމަ އެއްވެސް އެދުމެއް ނެތިތޯ ސުވާލު އުފެދެ އެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އިބްރާހީމް ދީދީ ވިދާޅުވަނީ އެއީ ދޮގެއް ކަމަށެވެ. "ޖުމްހޫރީ ޕާޓީގެ ފަރާތުން އެއްވެސް އަތޮޅަކަށް އެއްވެސް އެއްޗެއް ފޮނުވާފައެއް ނުހުންނާނެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ޖަގަހަތަކަށް، ޖުމްހޫރީ މާލަމްތަކަށް ބޭނުންވާ މެޓިރީއަލްތައް ފޮނުވާފައި ހުންނާނެ. ދެން އެހެން ފޮނުވާފައި ހުރި ފޮށިގަނޑެއް ފޮޓޯ ނަގާފައި ފޮނުވީ ނޫންކަމެއް ނޭނގެ އަޅުގަނޑަކަށް. އެހެން ނަމަވެސް ވިލާ ފައުންޑޭޝަނުން ފޮނުވާ އެއްވެސް އެއްޗެއްގައި ޖުމްހޫރީ ޕާޓީގެ ވެސް ޖުމްހޫރީ ގުޅުމުގެ ވެސް އެއްވެސް އެއްޗެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ މީގެ ދެތިން މަސް ދުވަސް ކުރިން އައްޑޫ ސިޓީގެ ބައެއް ސްކޫލުތަކުން އެދިފައިވާ ތަކެތި އެ ސުކޫލަށް ދާދިފަހުން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް ވިލާ ފައުންޑޭޝަނުން އެ އެހީވެދިނުމުގައި އޭނާ އެއްވެސް ވަރަށްކަށް މެދުވެރިކޮށްފައި ނެތުމުން އެކަމާ ޖުމްހޫރީ ޕާޓީއާ ގުޅުންނެތްކަން ސާބިތުވާ ކަމަމަށެވެ. ވިލާ ފައުންޑޭޝަނުންވާ އެހީތަކާއި ގާސިމާ އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށް ވިދާޅުވާ އިރު ގާސިމް ކައިރިން އެހީއަށް އެދުމުން ވިލާ ފައުންޑޭޝަނަކަށް ސިޓީއެއް ލުމަށް ބައެއް މީހުން ކައިރީގައި އެދެމުންދާ ކަމަށް އެރަށްތަކުގެ މީހުން ބުނެ އެވެ.

ވިލާ ފައުންޑޭޝަނުން ދިން ނަމަވެސް އެ އެހީތަކަކީ ގާސިމްގެ ފަރާތުން ވާ އެހީއަކަށް ނޫނީ ނުވާނެ ކަމަށްބުނެ އެފަދަ މައްސަލަތަކެއް އެކި ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި އެވެ. އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ މައްސަލަތައް މިހާރު ކޮމްޕެލެއިންސް ކޮމެޓީން ބަލަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލާނީ އަންނަ މަހު ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ގަވާއިދުގެ ބުނެފައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުނަށް ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި ސުލޫކީ މިންގަނޑާ ހިލާފްވޭތޯ އެވެ.

އެ ގަވައިދުގެ 14 މާއްދާގައި ބުނެގައިވަނީ ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެ ކަމަށެވެ. އަދި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާ އެއް އެއްވެދާނެ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންނުވާނެ ކަމަށެވެ."