28 Aug 2013, 09:47
އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަސް ކުޑަތަން ވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ އިސްތިއުނާފު ކޮމެޓީގެ މެމްބަރު ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް އެވެ. އޭނާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ފަރުދީ ހައިސިއްޔަތުންނެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ވާދަވެރި ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާ މެދު ސުވާލު އުފޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް މިނިވަން އައިޓީ އޮޑިޓަރެއް މެދުވެރިކޮށް އިލެކްޝަންސްގެ އައިޓީ ނިޒާމް އޮޑިޓް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެކި ޕާޓީތަކުން ވަރަށް ގިނަ ފޯމުތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމުތައް ރަޖިސްޓްރީ ކުރެވުނުތޯ ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
ވޯޓުލާ މީހުންގެ ލިސްޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ސޮއިކުރަން ޖެހޭނެ ކަމަށާއި އަދި އެލިސްޓުގެ ކޮޕީއެއް ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވިޔަ ނުދިނުން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން އެކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި ވަނީ އެދިފަ އެވެ.
ޒަނީން ހުށަހެޅުއްވި އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.