ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރިޔާސީ އާ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިއަދު މެންދުރު ފަހު މާލެ ވަޑައިގެންފިއެވެ.


ރައީސް ނަޝީދުގެ މި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މާލެ ވަޑައިގަތީ، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ ބައްޕާފުޅު މާފަންނު އޮމަދޫ ޢަލީ ޢަބްދުﷲ ރޭ މެންދަމުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.


ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ މާލެ މި ވަޑައިގަތީ އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގަ އެވެ.


އަލީ އަބްދުﷲގެ ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ.