ލަންޑަން (އޮގަސްޓް 28): ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ޔޫރަޕްގެ ބޮޑު ދެބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ގުޅިފައިވާ ޙަމަލާތަކެއް ސީރިޔާ އަށް ދީފާނެ ކަމަށް ހުޅަނގުގެ ޢަސްކަރީ އަދި ޖާސޫސީ ދާއިރާތަކުން ލަފާކޮށްފި އެވެ. މީގެ އިތުރުން މިފަދަ ޙަމަލާތަކެއް ސީރިޔާ އަށް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެ ހުޅަނގުގެ ލީޑަރުން ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ވަނީ ސީރިޔާއަށް ޙަމަލާދިނުމަށް އެމެރިކާގެ ލަޝްކަރުތައް ތައްޔާރީ ޙާލަތުގައި ތިބި ކަމަށާ ރައީސް ބަރަކް އޮބާމާގެ އަމުރުފުޅެއްގެ އިންތިޒާރުގައި ޕެންޓަގަންގެ ކޮމާންޑަރުން ތިއްބެވި ކަމަށް ވިދާޅުވެފަ އެވެ. ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ ރައީސް ބަރަކް އޮބާމާގެންދަވަނީ ސީރިޔާއާ މެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުންނާ މަޝްވަރާ ކުރައްވަމުން ކަމުގަ އެވެ.

ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވީ ސީރިޔާ ސަރުކާރުން ކުށެއްނެތް އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފިކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އެހެންކަމުން އެކަންކުރި ފަރާތްތަކަށް ހަރުކަށި ރައްދެއް ދިނުމަށް އޭނާގެ ގައުމު އޮތީ ތައްޔާރަށް ކަމަށާ މިކަމާބެހޭ އެންމެ ފަހުގެ ނިންމުން ލަސްތަކެއްނުވެ ނިންމާނެ ކަމަށް އޮލާންދް ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވީ ސީރިޔާ ސަރުކާރުން ރައްޔިތުންނަށް ކެމިކަލް ހަތިޔާރުން ޙަމަލާދިނުމުން ރައީސް ބައްޝާރުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ޖެހިއްޖެ ކަމަށާ ނަމަވެސް ބާރުގެ ބޭނުންކުރަން ޖެހޭނީ ސީރިޔާގެ އަރާރުން އިތުރަށް ފުޅާނުވެ އަދި މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ނުއުފެދޭނެ ގޮތެއްގެ މަތިން ކަމުގަ އެވެ. ކެމެރޮން މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ހޫނު މުސުމުގެ ޗުއްޓީގައި އޮތް އިނގިރޭސި ޕާލަމެންޓްގެ ކުއްލި ޖަލްސާއެއް މާދަމާ ބާއްވާގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ. މިޖަލްސާގެ ބޭނުމަކީ ސީރިޔާއާ ދެކޮޅަށް އެމެރިކާ ދޭ ޙަމަލާތަކެއްގައި އިނގިރޭސި ޢަސްކަރީ ލަޝްކަރުތައް ބައިވެރިވުމާބެހޭގޮތުން ނާ އަދި ސޫރިޔާގެ މައްސަލާގައި އިނގިރޭސި ސަރުކާރުން ޢަމަލުކުރާނެ ގޮތާބެހޭގޮތުން މަޝްވަރާކޮށް މިކަމުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ފެންނަގޮތް ބޮޑުވަޒީރަށް ހާމަކޮށްދިނުން ކަމަށްވެއެވެ.

އިޓަލީގެ ބޮޑުވަޒީރު އެންރިކޯ ލިޓާ ވިދާޅުވީ ސީރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ކެމިކަލް ހަތިޔާރުން ޙަމަލާދިންކަން ކަށަވަރުވެއްޖެ ކަމަށާ މިއީ ބަލައިގަނެވޭފަދަ ޖަރީމާއެއް ނޫންކަމުގައެވެ. އަދި ސީރިޔާއަށް ރައްދުދޭނެ ގޮތްތަކާބެހޭގޮތުން އިނގިރޭސި ބޮޑުވަޒީރު ކެމެރޮން އާ ފޯނުން މަޝްވަރާކުރައްވާފައިވާނެ ކަމަށްވެސް ލިޓާ ވިދާޅުވިއެވެ.
ސީރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ކެމިކަލް ހަތިޔާރުން ޙަމަލާދިންކަން ކަށަވަރުވެއްޖެކަމަށް ވިދާޅުވެ ހުޅަނގުގެ ލީޑަރުން ވާހަކަ ދައްކަވާފައިމިވަނީ ދިމިޝްޤުގެ ޣޫތާ ސަރަހައްދަށް މިދިޔަ ހަފްތާގައި ދިން ކަމަށް ބުނެވޭ ކެމިކަލް ހަތިޔާރުގެ ޙަމަލާގެ މައްސަލަ އދ. ން ތަޙްޤީޤް ކުރަމުން ގެންދާ ވަގުތެއްގައެވެ. އދ. ގެ ތަޙްޤީޤް ޓީމު ޙަރަކާތްތެރިވަމުން ދަނީ ޣޫތާ ސަރަހައްދުގައި ކަމަށާ އެސަރަހައްދުގެ ރައްޔިތުންނާ ސުވާލުކޮށް ތަންތަނުން ސާމްޕަލްތައް ނަގައި ކެމިކަލް ހަތިޔާރުގެ އަސަރުކޮށްފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ބައެއްމީހުން އެނދުމަތިކޮށްފައިވާ ހޮސްޕިޓަލްތަކަށްވެސް އދ. ގެ ޓީމު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބެއެވެ.

ސީރިޔާ ސަރުކާރުންވަނީ މިތަޙްޤީޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި އދ. އާއެކު ސޮއިކޮށްފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ ބާރުތަކަކީ މުސްލިމުންނަށް ޓަކައި ހެޔޮނިޔަތަކުން ކަމެއް ކޮށްދޭނެ ފަރާތްތަކެއްނޫން ކަން ތާރީޚު ހެކިދޭއިރު ޢިރާޤާއި އަފްޣާނިސްތާން ފަނާކޮށްލާފައިވަނީވެސް މިދެގައުމުންނެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތް އުފައްދައި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަން ގެއްލުވާލުމުގައިވެސް އިސްދައުރެއް އަދާކޮށްފައި އަދި މިހާރުވެސް އަދާކުރަމުން ގެންދަނީ ހުޅަނގުން ކަމަށްވާތީ ހުޅަނގުން ސީރިޔާގެ ރައްޔިތުންގެ ދިފާޢުގައި ކަމަށްބުނެ އަޅާފިޔަވަޅުތަކަކީ ޢަރަބި އިސްލާމީ ދުނިޔޭގެ ރައްޔިތުން އިތުބާރުކުރާނެ ފިޔަވަޅުތަކެއް ނޫން ކަމަށް މުރާސިލުން ބުނެއެވެ. އެހެންކަމުން ހުޅަނގުން ސީރިޔާއާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކުން ކުރެޑިޓް ލިބޭނީ ބައްޝާރަށް ކަމަށާ މަރުވެގެންދާނީ ސީރިޔާގެ ކުށެއްނެތް އިތުރު ބައެއްކަމަށް ވަނީ ބެލިފައެވެ. (ނޫސްއެޖެންސީތައް)