އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުއްދަ ދެއްވާ އިރަށް، ސޫރިޔާގެ އަމާޒުތަކަށް ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރީ ބާރުތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޗަކު ހޭގަލް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޗަކު ހޭގަލް ވިދާޅުވީ އޮބާމާ ހިޔާރުކުރައްވާ ކޮންމެ ކަމެއްވެސް ފަސޭހަ ކުރެވޭނެ ގޮތްތައް ބެލުމަށް ފަހު، އެކަން ކަމަށް ބޭނުންވާނެ ސާމާނު މިހާރު ބޭނުންވާ ސަރަހައްދުތަކަށް ޑިޕްލޯއިކޮށްފައިވާ ކަމަށެވެ.

ސޫރިޔާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެގައުމަށް ހަމަލާ ދިނުމަށް ހުޅަނގުގެ ގައުމުތަކުން ވިސްނަމުން ދަނީ މިދިޔަ ހަފުތާގައި ސޫރިޔާގެ އަސްކަރިއްޔާ އިން ކެމިކަލް ހަތިޔާރެއް ކަމަށްވާ "ސެރިން" ނާވް ގޭސް ބޭނުންކޮށްގެން އެތައް ސަތޭކަ ބަޔަކު މަރާލުމާއި ގުޅިގެން ނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން އެންމެ ފަހުން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސޫރިޔާގައި ދެވުނު ކެމިކަލް ހަމަލާއާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

ސޫރިޔާގެ މައްސަލާގައި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ވިދާޅުވީ ސޫރިޔާގައި ހިންގަމުންދާ ޖަރީމާތައް ބަލަން ބައިނަލްއަގުވާމީ މުޖުތަމައުއަށް "އަތް އުރާލައިގެން" ދެން ތިބެވެން ނެތް ކަމަށެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްކުގެ ބޭރުގައި ދެވުނު ކަމަށް ތުހުމަތުކުރެވިފައިވާ ކެމިކަލް ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާ އަށް ހަމަލާދިނުމުގައި އެމެރިކާއާ އެކު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އެއްބާރުލާނެ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާ އިރު، ޗައިނާ އަދި ރަޝިޔާއިން ވަނީ ސޫރިޔާގެ މައްސަލަ ތެރެއަށް ބޭރު ގައުމެއްގައި އަސްކަރިއްޔާ އިން ވަދެފި ނަމަ، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ ހުޅަނގަށް އިންޒާރު ދީފަ އެވެ.