ދިވެހިންގެ ދީނާއި، ދިވެހިންގެ ސިފަތައް، ދިވެހިންގެ ރަމްޒުތައް، ދިވެހިންގެ މިނިވަންކަން، ދިވެހިންގެ ޤައުމުން މިހާތަނަށް ދައްކަމުންއައި ދިވެހިވަންތަކަން، އަޅުގަނޑުމެންނަށް ގެނުވުނު ޑިމޮކްރަސީގެ ތެރެއިން ނެތިގެން ދާތަން އެބަފެނެ އެވެ. ޑިމޮކްރަސީގެ ހަޤީގީ މާނައަކީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފަރާތުން ރައްޔިތުން އުފައްދާ ސަރުކާރަށް ކިޔާ ނަމެއް ކަމަށް މިކަމުގެ މާހިރުން ޑިމޮކްރޭޓުން ވިދާޅުވެ އެވެ.

ރާއްޖެގެ ޑިމޮކްރަސީން ފެނި، އަޑު އިވެމުންދަނީ ޙަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމާއި، އާންމުކުރަމުންދާ މަންޒަރެވެ. ޒާތީ ގޮތުން މީހުންނަށް ދިމާކުރުމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ މަންޒަރެވެ. މީހުންގެ ނަފްސު ކަތިލުމާއި މީސް މީހުންގެ ހައިބަތާއި ޢިއްޒަތް ލޫޓުވުމާއި، އަބުރު ނަގާލާ ތަނެވެ. ރައްޔިތުން ބައިބައި ކުރުމާއި ރައްޔިތުންގެ ހިތްތަކުގައި ފިތުނައިގެ އަލިފާން ރޯކުރުމާއި ލަދުގަންނަވާލުމާއި ނަފްސާނީ ގޮތުން ބަލިކޮށް ލޮޑުކޮށްލާތަނެވެ.

ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް ސިޔާސީ ފަރާތްތައް ދިއުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. ދިރިއުޅުމުގެ ހާލަތާއި ބޯހިޔާވަހި ކަމާއި ތަޢުލީމު ބޭނުންވާ ތަރައްޤީއަކީ ކޮބައިތޯ އާއި ވަޒީފާގެ ފުރުޞަތުތަކާއި ބޭނުންވާ އެހެނިހެން އަސާސީ ކަންތައްތަކަކީ ކޮބައިތޯ ބެލުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. ރާއްޖޭގެ ޙާލަތު ނޭނގޭ ދިވެއްސަކު މި ގައުމުގައި އެބަހުރިތޯ އެވެ. ރައްޔިތުން ބޭނުންވާ ހުރިހާ މުހުތާދުތަކާއި ހާޖަތްތައް ފުއްދައި ދިނުމަކީ މުސްތަޙިއްލު ކަމަކަށްވާ އިރު ވެސް، އިންތިހާބުގެ ދުވަސްވަރާއި ދިމާކޮށް ބޮޑެތި ޚަރަދުތައްކޮށްގެން، ސިޔާސީ ފަރާތްތައް އަތޮޅުތެރެ އަށް ދަތުރުތައް ކޮށްގެން ނުއުފުލޭވަރުގެ ބޮޑެތި ވަޢުދުތައް ވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭއްވޭ ރިޔާސީ އިންތިހާބުތަކަށް ބަލާ އިރު ދިވެހި ރާއްޖޭގައި މި ވާކަހަލަ ވަޢުދުތަކެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ވެފަ އޮތް ތަނެއް ނުފެނޭ. ވަޢުދުވޭ. އެހެން ނަމަވެސް އެ ކަމަކީ ކުރެވިދާނެ ކަމެއްތޯ އެ ކަމެއް ބަލައި ކުރެވިދާނެ ކަމެއް ކަމަށް ފެންނަ ވަޢުދުވާ އަޑު އިވެނީ. ރާއްޖޭގައި މި ވަޢުދުވާ ގޮތަށް ވައުދުވާ ގޮތަށް ވަޢުދުވާ އެހެން ތަނެއް ނުފެނޭ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ އެހެން ޑިމޮކުރެސީތަކުގައި ރިޔާސީ ކެންޑިޑޭޓުންވާ ވަޢުދަކީ އެބޭފުޅުން މަސައްކަތް ކުރައްވައިފި ނަމަ ފުއްދޭނެ ވަޢުދުތަކެއްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ސާބިތުކޮށްދޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ރިޔާސީ ކެންޑިޑޭޓުން ވަޢުދުވަމުން ދަނީ އެއްވެސް އުސޫލަކުން ނޫން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ރިޔާސީ ކެންޑިޑޭޓުން ވަމުންދާ ވަޢުދުތަކުގެ ތަފްސީލު އެ ވަޢުދުތައް ފުއްދުމަށް ހަރަދު ކުރާނެ ގޮތް ހާމަކޮށް ނުދެއްވާ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

ބޭރު ދުނިޔޭގެ ޤައުމުތަކުގައި ވެސް ވެރިކަން ހޯދުމަށް ސިޔާސީ ޕާޓީތައް މެދުވެރިކޮށް މަސައްކަތްކުރާތަން ފެނެ އެވެ. އެކަމަކު ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ސިޔާސީ ފިކުރާއި އުކުޅުތައް ބޭނުންކޮށް، ރައްޔިތުންނަށް އޮޅުވާލުމާއި އެހެން ބާވަތެއްގެ ފިކުރީ އުކުޅުތައް ބޭނުންކުރާތަނެއް ވަރަށް މަދުން ނޫނީ ނުފެނެ އެވެ. ރައްޔިތުންގެ ހިތާއި ސިކުނޑިއާ ކުޅެލައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތްތަކާ މެދު ފުންކޮށް ފުޅާކޮށް ވިސްނަން ޖެހެ އެވެ. ވެރިކަން ހޯދުމަށް ޓަކައި ދައުލަތާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމާއި އެތަންތަނަށް ރައްޔިތުންކުރާ އިތުބާރު ފޮހެލުން ނުވަތަ ރައްޔިތުން ކުރާ ގަދަރާއި އިހުތިރާމުގެ އަސަރުތައް ނައްތާލުމަކީ ވެރިކަން ހޯދުމަށް ޓަކައި އެފަދަ ފަރާތްތަކުން ކުރާނެ ކަންތައްތައްތަކެވެ. އެ މަންޒަރު މިހާރު ވެސް ފެންނަމުންދާކަން އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ.

"އަޅުގަނޑުމެންނަށް ރާއްޖޭގެ އިންތިހާބުތަކުން ފެންނަނީ އިންތިހާބުގެ ކަންކަމުގައި ތަންކޮޅެއް ޒާތީވާތަން. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ޒާތީ ގޮތުން ތަންކޮޅެއް ދިމާކުރުން އޮތުން. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރިޔާސީ އިންތިހާބުތަކާއި އެހެން އިންތިހާބުތަކުގައި އެއް ބަޔަކު އަނެއް ބަޔަކު މާޒީގައި ކޮށްފައި ހުންނަ ކަންތައްތައް ހޯދައި ބަލައިގެން ކިޔައި ހަދާ. ދައްކާ ހަދާ. އެހެން ނަމަވެސް އެއްވެސް ބާފުޅަކު އަނެއް ބޭފުޅަކާ ޒާތީވާ ތަނެއް ނުފެނޭ. އެހެން ނަމަވެސް ރާއްޖޭގައި މިފެންނަނީ މާ ބޮޑަށް ޒާތީ ވެގެންދާތަން،" ޒާހިރު ވިދާޅުވި އެވެ.

ހިތާމައާ އެކު ދަންނަވަން ޖެހެނީ ރާއްޖެއިން ފެންނަމުންދަނީ މުޅިން އެހެން މަންޒަރެކެވެ. އަނބިދަރިންނާއި އާއިލާއާ އެކު ދިރިއުޅެމުންދާ އެތައް ރައްޔިތުންގެ މެދުގައި ނަފްރަތާއި، ފިތުނަ އުފައްދައި، ތަޅާ ފޮޅުވުމާއި، ހަސަދަ އުފެއްދުމުގައި ބަޔަކު މަސައްކަތް ކުރަމުންދާ ތަނެވެ. އެ އިހާނެތި ވިސްނުމުގައި ޝާމިލުނުވެ، އެކުވެރި ހިތްތަކެއްގެ ގޮތުގައި އުފަންވި ޢާއިލާތަކެއްގެ ގޮތުގައި އުޅުމާއި ގުޅުން ބައްޓަންކުރުމަށް ވިސްނަންޖެހެ އެވެ. އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ ކީރިތި ﷲގެ ތަނަވަސް ރަޙްމަތާ އެކު، ގަދަ ހިތްވަރުން، ދިވެހިންގެ ލެޔާއި ދާ އޮހޮރުވައިގެން، ދުވާލާއި ރޭގަނޑު މަސައްކަތް ކޮށްގެން، އެތަކެއް ރެއެއްގެ ނިދި ޤުރުބާންކޮށްގެން ކޮށްގެންނެވެ. ކާބަފައިން ގެނެސް ދެއްވި ރީތި އާދަތަކުގައި ކޮޅު ފައިންޖަހައި ބައެއް ކަމުގައި އަޅުގަނޑުމެން ވެގެން ނުވާނެ އެވެ.

ދެން އޮތީ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ވާހަކަ އެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ލިބިދެވޭ އެންމެ ބޮޑު އެއްބާރަކީ ވޯޓުލުމުގެ ބާރެވެ. އެ ބާރު ބޭނުންކުރުމުގައި ފަސް އަހަރު ދުވަހަށް ތިމާގެ ހައްޤު މަދު ފައިސާކޮޅަކަށް ވިއްކާލުމުގެ ވިސްނުން އަޅުގަނޑުމެން ތެރެއިން މަދު ބަޔަކު ނަމަވެސް ގެންގުޅެ އެވެ. އަޅުގަނޑުމެންގެ ނަފްސަކީ މަދު ފައިސާ ކޮޅަކަށް، ވަގުތީ ފައިދާއަކަށް ވިއްކާލެވޭ އެއްޗަކަށް ހަދައިފި ނަމަ، އެދެވުނީ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށާއި، ރަށަށާއި އަތޮޅަށާއި މުޅި ޤައުމަށް ވަރަށް ވެސް ބޮޑު ނިކަމެތި ކަމެކެވެ. އެދުއްވާ ލެވުނީ އަމިއްލަ ނަފްސެވެ. އެ ވިއްކާ ލެވުނީ ތިމާގެ ޙައްޤު ވެސް މެއެވެ.

ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ އަވާމެންދުރުގައި ނުޖެހި، ހުޅުވާލެވިފައިވާ ސިކުނޑިތަކަކުން ވިސްނާ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް މި ޤައުމު އަމާނާތްތެރިކަމާ އެކު ވާސިލްކޮށްދިނުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ. ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދިން ރީތި މިސާލުން އިބުރަތް ހާސިލްކޮށް އަޅުގަނޑުމެން އެކަތި ކަނޑަކަށްވެ، އިސްލާމީ އުސޫލުތަކުގެ ތެރެއިން މަސައްކަތްކުރަން ދަސްކުރަން ވެއްޖެ އެވެ. ޑިމޮކްރެސީގެ ނަމުގައި ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ކަރުދާސް ގަނޑުގެ ދެ ފަރާތް އަމިއްލައަށް ބަލާ އަމިއްލަ ސިކުޑިން ވިސްނާ ވަޒަންކޮށް ކިރާލުމަށް ފަހު ސިޔާސީ މަސްލަހަތުން އެކަހެރިވެ ޤައުމީ މަސްހަލަތު އިސްކުރާނީ ކޮން ވަގުތަކުންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާށެވެ.