ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ކެމްޕޭން ދަތުރުތައް އައްޑޫ ސިޓީން މިރޭ ނިންމާލައިފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޑިއަމްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ޓަކައި އެމަނިކުފާނު ކުރައްވަމުން އައި ކެމްޕޭން ދަތުރުތައް ނިމުނީ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅު ހޭދަ ކުރައްވާނީ މާލޭގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ރެއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ކުރުމުގެ ގޮތުން އަޅުގަނޑު ރާއްޖޭގެ ރަށްތަކަށް ކުރާ ދަތުރު ނިންމާ ރޭ. މި ރެއަށް ފަހު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅު އަޅުގަނޑު ހުންނާނީ މާލޭގައި،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އައްޑޫ ސިޓީ އަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކުރިއަށް އޮތް މެނިފެސްޓޯގެ އަމާޒަކީ ރާއްޖޭގައި 137 ތަރައްގީގެ މަޝްރޫއު ހިންގުން ކަމަށެވެ. އޭގެތެރޭގައި ގަން އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް އައްޑޫ ސިޓީގެ ހިތަދޫ ބަނދަރު ބައިނައްލަޢުވާމީ ފެންވަރަށް ހައްދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހައްދަވައި އެ ސިޓީގައި ފެންވަރު ރަނގަޅު ފްޓުބޯޅަ ދަނޑެއް ހަދައި އަދި އައްޑޫ ސިޓީގައި ޔުނިވާސީޓީއެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި، ސިޓީ އަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއް އެއްފަސްކޮށް އައްޑޫ ސިޓީގައި 1000 ޓޫރިސްޓް އެނދު ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާ އިދިކޮޅު ފަރާތްތަކުންވާ ވައުދުތައް ސާފުނުވާ ކަމަށާއި އެ ވައުދުތައް ފުއްދައިދޭނެ ގޮތެއް ވެސް ކިޔަދީފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއްބުރުން ކަމަށާއި އެކަން އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ.